ޚަބަރު
ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވާލައިފި
ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކުޓަރީ ފެންނަ ވެބްސައިޓް---
ދައުލަތުގެ މުއައްސަސާތަކާ ބެހޭ ސައްހަ މައުލޫމާތު އެއްތަނަކުން ފަސޭހަކަމާ އެކު ބެލޭނޭ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، "ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކްޓަރީ" އެކުލަވާލައި މިއަދު ރަސްމީކޮށް އާންމުކޮށްފިއެވެ.
މި ޑިރެކްޓަރީއަކީ ސަރުކާރުގެ "މޯލްޑިވްސް 2.0" ގެ ތަސައްވުރާ އެއްގޮތަށް، ދައުލަތުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގެ މަތިން ސަރުކާރުގެ ހިންގުން ބައްޓަންކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފުކުރެވުނު މުހިންމު ނިޒާމެކެވެ. މި ޑިރެކްޓަރީއަށް directory.presidency.gov.mv މެދުވެރިކޮށް މިހާރު ވަދެވޭނެއެވެ.
މި ޑިރެކްޓަރީ މެދުވެރިކޮށް ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި، އޮފީސްތަކުގެ އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރުތަކުގެ އިތުރުން މީސްމީޑިއާގެ ލިންކުތައް ފަދަ މުހިންމު މައުލޫމާތުތައް ފަސޭހަކަމާއެކު ރައްޔިތުންނަށް ބަލައިލެވޭނެއެވެ.
ޑިރެކްޓަރީގައި ހިމެނޭ މައުލޫމާތުތައް އަބަދުވެސް އަދާހަމަކޮށް ބެލެހެއްޓުމަށްޓަކައި، މުއައްސަސާއެއްގެ އިސްވެރިޔާގެ ގޮތުގައި ކަނޑައަޅާ ފަރާތުގެ ނަމާއި، އެޑްރެސް، މުވާސަލާތީ މައުލޫމާތު ނުވަތަ މީސްވިއުގަ ލިންކުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެ ކަމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެންގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މިފަދަ ބަދަލުތައް ހުށަހަޅަންވާނީ ޑިރެކްޓަރީގެ ވެބްސައިޓުގައިވާ މައްސަލަ ހުށަހަޅާ ފޯމު މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށެވެ.
މީގެއިތުރުން، ދައުލަތުގެ ހިންގުން އެއް މިންގަނޑަކަށް ފެއްތުމުގެ ގޮތުން، ސަރުކާރުގެ އިދާރާތަކުގެ ރަސްމީ ލިޔެކިޔުންތަކާއި، މަތުބޫއާތަކާއި، މައުލޫމާތު ބަލަހައްޓާ ސިސްޓަމްތަކާއި، ޑޭޓާބޭސްތަކާއި، ވެބްސައިޓްތައް އަދި ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ދައުލަތުގެ މުއައްސަސާތަކުގެ ނަންތައް ދިވެހި އަދި އިނގިރޭސި ބަހުން ލިޔަންވާނީ މި ޑިރެކްޓަރީގައި ބަޔާންކޮށްފައިވާ ގޮތަށް ކަމުގައި ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.
މި ޑިރެކްޓަރީ ވެގެންދާނީ ދައުލަތުގެ އިދާރާތަކުގެ މައުލޫމާތު ހޯދުމުގައި އާންމު ރައްޔިތުންނަށާއި، ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަކަށް ބޮޑު ލުއިފަސޭހަކަމެއް ގެނެސްދޭނެ ވަސީލަތަކަށެވެ.