ޚަބަރު
އެގްޒެކެޓިވް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދެވަނަ މަސައްކަތު ބައްދަލުވުން ބާއްވައިފި
އެގްޒެކެޓިވް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
ދައުލަތުގެ މުއައްސަސާތަކުގެ އިސް މަޤާމުތަކުގައި ތިއްބެވި ވެރިންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިސްނަގައިގެން ކުރިއަށްގެންދާ "އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2025-2027" ގެ ދެވަނަ މަސައްކަތު ބައްދަލުވުން މިއަދު ބާއްވައިފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި މަސައްކަތު ބައްދަލުވުމުގެ ސެޝަން މައިގަނޑު ގޮތެއްގައި ޚާއްޞަކޮށްފައިވަނީ ޓީމު ބިނާކުރުމާއި، ގުޅިގެން މަސައްކަތްކުރުމުގެ ހުނަރުތައް ތަރައްޤީކުރުމުގެ މައްޗަށެވެ. "ޓީމް ބިލްޑިންގ އެންޑް ގްރޫޕް ޑައިނަމިކްސް" ގެ ނަމުގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވީ އަލްފާޟިލް ޠޯހާ ސަލީމެވެ.
މި ސެޝަނުގައި، މުވައްޒަފުންގެ މެދުގައި ހަރުދަނާ ގޮތެއްގައި މުޢާމަލާތު ކުރުމާއި، އިތުބާރު އުފެއްދުމުގެ އިތުރުން، މަސައްކަތުގެ މާޙައުލުގައި އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރާނެ ގޮތްތަކުގެ މައްޗަށް ފުޅާ ދާއިރާއެއްގައި އަލިއަޅުއްވާލައްވާފައިވެއެވެ.
"އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް" އަކީ ސަރުކާރުގެ އިސް ވެރިންގެ ހިންގުމުގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށްޓަކައި، ދެ އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ކުރިއަށްގެންދަނީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) އާއި ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އާ ގުޅިގެންނެވެ. އަދި މި މަސައްކަތް ވިލަރެސްކުރަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިޓިކަލް އެންޑް ޕާލިމެންޓަރީ އެފެއާޒް އޮފީހުގެ ދަށުން ހިންގާ ޕޮލިޓިކަލް އެޕޮއިންޓީސް ޕާފޯމަންސް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ޑިވެލޮޕްމަންޓް ސެކްޝަނުންނެވެ.