ޚަބަރު
ގުރައިދޫގައި ހިނގި މާރާމާރީގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި
ކުއްލި ހަބަރު---
ކ. ގުރައިދޫގައި ހިނގި ނުރައްކާތެރި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މީހަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ގުރައިދޫގެ ގެއެއްގެ ތެރޭގައި އުފެދުނު ޒުވާބެއްގެ ތެރެއިން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 އޮކްޓޫބަރު 14 ވަނަ ދުވަހުގެ ރޭ 20:36 ހާއިރުއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އޭނާގެ ވާތްފަރާތު މުލައްދަނޑިއަށާއި، ކަނާތްފަރާތު އުކުޅުވަޅު ކައިރިއަށް އެކިވަރުގެ ޒަޚަމްތައް ވަނީ ލިބިފައެވެ. އޭނާއަށް ގުރައިދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށާފައެވެ.
މީގެ އިތުރުން، މި މާރާމާރީ ހުއްޓުވުމަށް މަސައްކަތްކުރި 34 އަހަރުގެ ދިވެހި ފިރިހެނަކަށްވެސް މި ހާދިސާގައި އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މާރާމާރީގެ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ 50 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
(ނޯޓް: މި މައްސަލަ ކުރިން ރިޕޯޓުކުރިއިރު މިއީ އާއިލާއެއްގެ ތެރޭގައި ހިނގި މާރާމާރީއެއްކަމަށް ލިޔެވިފައި ވަނީ މައުލޫމާތުގެ ކުށަކުންނެވެ.)