ކުޅިވަރު

ފަހު ވަގުތު ޖެހި ތިން ގޯލާއެކު ރެއާލްއިން ރޯމާ ބަލިކޮށްފި

ފަހު ވަގުތު ޖެހި ތިން ގޯލާއެކު ރެއާލްއިން ރޯމާ ބަލިކޮށްފި

ރެއާލްގެ ފަހު ގޯލު ކާމިޔާބުކުރުމަށްފަހު އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

15 އޮކްޓޯބަރު 2026، 07:29

15 އޮކްޓޯބަރު 2026، 07:29

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ފަހަތުން އަރައި، މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ޖެހި ތިން ލަނޑާއެކު ރެއާލް މެޑްރިޑުން 4-3 އިން ރޯމާ ބަލިކޮށްފިއެވެ.

ރޯމާގެ ސްޓޭޑިއޯ އޮލިމްޕިކޯގައި ކުޅުނު މި މެޗަކީ ރެއާލްގެ މިހާރުގެ ކޯޗު ހޯސޭ މޮރީނިއޯ، އޭނާގެ ކުރީގެ ކްލަބާ ދެކޮޅަށް ނުކުތް ފުރަތަމަ މެޗެވެ. 2021-22 ގެ ސީޒަނުގައި ކޮންފަރެންސް ލީގު ކާމިޔާބުކޮށްދީ އަދި ޖެހިގެން އައި ސީޒަނުގައި ޔޫރޮޕާ ލީގުގެ ފައިނަލަށް ރޯމާ ގެންގޮސްދިން މޮރީނިއޯއަށް ރޯމާގެ ސަޕޯޓަރުން ވަނީ ދަނޑުން ހޫނު މަރުހަބާއެއް ކިޔާފައެވެ. 

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ރޯމާއިންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި މަޓިއަސް ސޫލޭ ދިން ޕާހަކުން މި ލަނޑު ކާމިޔާބުކުރީ މާޓެން ޑި ރޫންއެވެ. ނަމަވެސް، އޭގެ ފަސް މިނެޓު ފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު 100 ވަނަ މެޗުގައި ކީލިއަން އެމްބާޕޭ ވަނީ ރެއާލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި 72 ވަނަ ލަނޑެވެ.

ދެވަނަ ހާފުގައި ރޯމާގެ ޑޮންޔެލް މާލެން ވަނީ ހަ މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހައި، 3-1 އަށް ނަތީޖާ ބަދަލުކޮށްލާފައެވެ. އޭނާގެ ފުރަތަމަ ލަނޑަކީ ވިނީޝިއަސް ޖޫނިއަރ އަތުން ގެއްލުނު ބޯޅައެއްގައި ފެޑެރީކޯ ވަލްވާޑޭގެ ގައިގައި ޖެހިފައި ވަން ލަނޑެކެވެ. އަދި ދެވަނަ ލަނޑަކީ އޮފްސައިޑް ކަމަށް ކުރިން ނިންމި ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު ސައްހަ ކަމަށް ކަނޑައެޅި ލަނޑެކެވެ.

މެޗުގެ 83 ވަނަ މިނެޓާ ހަމައަށް ދެ ލަނޑުގެ ލީޑެއްގައި އޮތް ރޯމާއިން ލީޑު ދަމަހައްޓަން ކޯޗު ޖިއާން ޕިއޭރޯ ގަސްޕެރީނީ ޑިފެންސިވް ބަދަލުތަކެއް ގެނައި ނަމަވެސް، މޮރީނިއޯ ކުޅެން އެރުވި ކުޅުންތެރިން ވަނީ މެޗުގެ މަންޒަރު މުޅިން ބަދަލުކޮށްލާފައެވެ.

އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ ފަސް މިނެޓުގެ ތެރޭގައި ކާލޯސް އެސްޕީ ވަނީ އެންޑްރިކް ބޮލުން ޖެހި ބޯޅައެއް ކީޕަރު ދިފާއުކުރުމުން ލިބުނު ރީބައުންޑުން ލަނޑު ޖަހައި ފަރަގު ކުޑަކޮށްދީފައެވެ. އޭގެ ފަހުން، ބަދަލު ކުޅުންތެރިޔާ އަރްދާ ގުލާ ނަގައިދިން ކޯނަރަކުން އެންޑްރިކް ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި 3-3 އިން ނަތީޖާ ހަމަހަމަކޮށްފައެވެ.

ރެއާލް މޮޅުވި ލަނޑު ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިފަހުން އެންޓޯނިއޯ ރުޑިގާއެވެ. މިއީ ވެސް ގުލާ ނަގައިދިން ބޯޅައަކުން ގޯލުގެ ކައިރީގައި ހުރެފައި ވޮލީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި މޮޅާއެކު ރެއާލް މެޑްރިޑުން ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފައެވެ. އަނެއްކޮޅުން ރޯމާއަށް ދެ މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450