ޚަބަރު
17 ވަނަ އިންޓަރނޭޝަނަލް އެނަރޖީ ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެ
17 ވަނަ އިންޓަރނޭޝަނަލް އެނަރޖީ ފޯރަމް--
17 ވަނަ އިންޓަރނޭޝަނަލް އެނަރޖީ ފޯރަމް (އައި.އީ.އެފް 17) ގެ މިނިސްޓީރިއަލް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު މުޙައްމަދެވެ.
ދުނިޔޭގެ ހަކަތައާ ބެހޭ އިސް ވެރިން އެއްތަންވި މި ބައްދަލުވުމަކީ، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ބައިނަލްއަޤްވާމީ ބާޒާރުގެ ހަމަޖެހުމާއި، މި ދާއިރާއިން ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބޭއްވުނު މުހިންމު ފޯރަމެއް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އަދި މި ބައްދަލުވުމުގެ ސަބަބުން، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ތަރައްޤީކުރުމަށާއި ހަކަތައިގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްވަރާކޮށް، ގުޅުން ބަދަހިކުރުމުގެ އަގުހުރި ފުރުޞަތެއް ރާއްޖެއަށް ވަނީ ލިބިގެން ގޮސްފައިކަން ވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
17 ވަނަ އިންޓަރނޭޝަނަލް އެނަރޖީ ފޯރަމްގެ ކުރިއަށްދިޔައީ، "އެނަރޖީ ސެކިއުރިޓީ އެންޑް ޝެއަރޑް ގޯލްސް އިން އަ ނިއު އެރާ" މި ޝިއާރުގެ ދަށުންނެވެ.