ޚަބަރު
އެކްސިޑެންޓްތައް މަދުކުރުމަށް ހުޅުމާލޭގައި އައު ސްޕީޑް ބަންޕަރުތަކެއް ހަރުކުރަނީ
ހުޅުމާލޭގައި އައު ސްޕީޑް ބަންޕަރުތައް ހަރުކުރުމުގެ މަސައްކަތް. ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގައި ދުއްވާ އުޅަނދުތަކުގެ ދުވެލި މަޑުކޮށް، އެކްސިޑެންޓްތައް މަދުކުރުމުގެ ގޮތުން މަގުތަކުގައި އަލުން ތާރު ބަންޕަރު ހަރުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފަށައިފިއެވެ.
މި ބަންޕަރުތައް ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން ރަސްމީކޮށް ފަށާފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
މީގެ ކުރިން ހުޅުމާލޭގެ މަގުތަކުގައި ހަރުކުރި ބަންޕަރުތައް ނަގަން ޖެހުނީ، އެ ބަންޕަރުތަކުގެ ޑިޒައިނާއި ބޭނުންކޮށްފައިވާ މެޓީރިއަލްއާ ގުޅޭގޮތުން އާންމުން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެން ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
މި ފަހަރު އައު ބަންޕަރުތައް ހަރުކުރަމުން ގެންދަނީ ޓްރެފިކް ޕޮލިހުންގެ ބެލުމުގެ ދަށުން، އެކްސިޑެންޓްތައް އެންމެ ގިނައިން ހިނގާ ކަމަށް ފާހަގަކުރެވިފައިވާ ސަރަހައްދުތަކުގައެވެ. މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މި ފިޔަވަޅު އަޅާއިރު، ހުޅުމާލޭގެ މަގުތަކުގައި ބަންޕަރު ހަރުކުރުމަކީ އެކްސިޑެންޓްތައް ބޮޑުތަނުން މަދުކުރުމަށް އެހީތެރިވެދޭ ކަމެއްކަން އެޗްޑީސީން ފާހަގަކުރެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކުރިން އެޗްޑީސީން ބަންޕަރުތައް ހަރުކުރުމާ ގުޅިގެން ވެސް ހުޅުމާލޭގައި ހިނގާ އެކްސިޑެންޓުތައް 70 އިންސައްތައާ 80 އިންސައްތައާ ދެމެދުގެ މިންވަރަކަށް ވަނީ މަދުކުރެވިފައެވެ.
މީގެ އިތުރުން އެޗްޑީސީން ވިދާޅުވީ، އަލަށް މި ހަރުކުރާ ބަންޕަރުތަކަކީ ހުޅުމާލޭގެ މަގުތައް އެންމެ ފުރަތަމަ ހެދިއިރު ވެސް ހުރި ޑިޒައިނަށް ހަދާ ބަންޕަރުތަކެއް ކަމަށެވެ.