ޚަބަރު
ބަނގުރަލުގެ ބޮޑު ނެޓްވޯކެއްގެ އިސް މީހެއް ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހާ. ފޮޓޯ: ފުލުހުން
މާލޭގައި ފުޅާ ދާއިރާއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކެއްގެ އިސް މީހެއް ކަމަށް ތުހުމަތުކުރެވޭ މީހަކު ކޯޓު އަމުރެއްގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ހިންގި އޮޕަރޭޝަންގައި، ހެންވޭރު ގެއެއް ބަލައިފާސްކޮށް، އަތުލައިގަތް ބަނގުރާ ފުޅިތަކުގެ މައްސަލައާ ގުޅުންހުރި ދިވެހި ފިރިހެނަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހ. ކަރޯގެ / މާލެ، މުޙައްމަދު ރަޝްވާން ޢައްބާސް (53އ) އެވެ.
ތަހުގީގަށް މިހާތަނަށް ލިބުނު މައުލޫމާތުގެ އަލީގައި މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ރަޝްވާން ހައްޔަރުކުރީ 2026 އޮކްޓޫބަރު 13 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވިދާޅުވެއެވެ. މި އޮޕަރޭޝަންގައި، އެ ގެއާއި، ގުޅުންހުރި ތަންތަން ބަލައި ފާސްކޮށް ޖުމުލަ 826 ފުޅި ބަނގުރާ ފުލުހުން ވަނީ އަތުލައިގަނެފައެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް 2026 އޮކްޓޯބަރ 14 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.