ޚަބަރު
ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް 1.6 ބިލިޔަން ރުފިޔާ ލިބިއްޖެ
ރާއްޖޭގެ ރިސޯޓެއް.
މިއަހަރުގެ މިހާތަނަށް ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް 1.6 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވުމެކެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް 1.6 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރިސޯޓު ކުލީގެ ގޮތުގައި ލިބިފައިވަނީ 1.4 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %10.8 ގެ ކުރިއެރުމެކެވެ. މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުން އަހަރަށް ބަލާއިރު ރިސޯޓު ކުލީގެ ގޮތުގައި ލިބޭ އާމްދަނީ އަންނަނީ တެމެހެއްޓެނިވި ގޮތެއްގައި އިތުރުވަމުންނެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ޑެއިލީ އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން ރާއްޖޭގައި މިވަގުތު 184 ރިސޯޓެއް ރަޖިސްޓްރީކޮށްފައިވެއެވެ. އޭގެ ތެރެއިން 180 ރިސޯޓަކުން މިހާރު ޚިދުމަތް ދެމުން އަންނައިރު، މި ރިސޯޓުތަކުގައި ޚިދުމަތް ދެމުންދާ ޖުމްލަ އެނދުގެ އަދަދަކީ 45،171 އެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކުރަނީ ވެސް ރިސޯޓުތަކުގައެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ %73.8 ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ 1.2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިންނެވެ.
ރިސޯޓު ކުލިން ލިބޭ އާމްދަނީ އިތުރުވަމުން އައި ނަމަވެސް، ފަތުރުވެރިކަމަށް ދޫކޮށްފައިވާ ގިނަ އަދަދެއްގެ ރަށްތަކާއި ފަޅުތައް ތަރައްޤީ ނުކުރެވި ދިގުލައިގެން ގޮސްފައިވާ މައްސަލައަކީ ދައުލަތަށާއި ރައްޔިތުންނަށް އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމެއްކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ދާދިފަހުން ވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ތަރައްޤީ ނުކުރެވި ނުހުޅުވި ހުރި ފަޅުތަކާއި ރަށްތަކުގެ އަދަދު 161 އަށް އަރައެވެ. އޭގެ ތެރޭގައި 20 އަހަރާއި 25 އަހަރު ވެފައިވާ ތަންތަންވެސް ހިމެނޭއިރު، އެ ތަންތަނުން ދައުލަތަށް ދައްކަންޖެހޭ ލޭންޑް ރެންޓްގެ އަދަދު 500 މިލިޔަން ޑޮލަރަށްވުރެ އިތުރުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިފަދައިން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތައް ތަރައްޤީކުރުން ދިގުދެމިގެންދާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ ގަވައިދެއް މިހާރު ވަނީ އެކުލަވާލާފައެވެ. މި ގަވައިދުގެ ދަށުން އެފަދަ ތަންތަނުގެ އެއްބަސްވުންތައް ބާތިލުކުރެވޭނެ އުސޫލުތައް ވެސް ވަނީ ކަނޑައަޅާފައެވެ.