ޚަބަރު
މުރައިދޫގައި ބިނާކުރާ މިސްކިތުގެ ފުރާޅުގެ ބީމްތަކުގެ ޝަޓަރިންގ މަސައްކަތް ފަށައިފި
ހއ. މުރައިދޫގައި ސަރުކާރުން ބިނާކުރާ މިސްކިތުގެ މަސައްކަތް. ފޮޓޯ: އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ
ހއ. މުރައިދޫގައި ސަރުކާރުން ބިނާކުރާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފުރާޅުގެ ބީމްތަކުގެ ޝަޓަރިންގ މަސައްކަތްތައް ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ވުޒަރާއިން މިކަން ހާމަކުރެއްވީ މި މަޝްރޫއުގެ އެންމެފަހުގެ އަދާހަމަ ހިއްސާކުރެއްވުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މުރައިދޫގައި އަޅާ މިސްކިތުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައި ވަނީ 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މިއީ 7.21 މިލިއަން ރުފިޔާއަށް 1 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ހއ. މުރައިދޫގައި ސަރުކާރުން ބިނާކުރާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ކުރިޔަށް ދަނީ. މިހާރު ކުރިޔަށްދާ މަސައްކަތަކީ، ފުރާޅުގެ ބީމްތަކުގެ ޝަޓަރިންގ މަސައްކަތް @MMuizzu @presidencymv @Mohamedshaheem1 https://t.co/5UivA242wD
— Ministry of Islamic Affairs & Endowments (@MVIaffairs) October 15, 2026
މި މަސައްކަތުގެ ދަށުން އެއްފަހަރާ 300 މީހުންނަށް ނަމާދުކުރެވޭ ގޮތަށް، 3650 އަކަފޫޓުގެ ބިމެއްގައި މިސްކިތެއް އިމާރާތްކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން ނަމާދުކުރާ ހޯލުގެ އިތުރުން، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ވުޟޫކުރެވޭނެ އިންތިޒާމުތަކާއި، ސާފުތާހިރުކުރުމަށް ބޭނުންކުރާ ތަކެތި ރައްކާކުރާނެ ތަނަކާއި، މުންނާރަކާއި މިހުރާބުގޭގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. ހަމައެއާއެކު، އަޑުގަދަކުރާ ނިޒާމު ކޮންޓްރޯލްކުރާ ސައުންޑް ރޫމަކާއި، އިމާމު ބޭކަލުންނަށް ޚާއްޞަ ކޮޓަރިއެއް ވެސް މި މިސްކިތުގައި ގާއިމުކުރުމަށް ވަނީ ރޭވިފައެވެ.
ހއ. މުރައިދޫގެ މި މަސައްކަތް ފުރިހަމަވުމުން، އެ ރަށުގެ ރައްޔިތުންގެ އިޖުތިމާއީ ދިރިއުޅުމަށް ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކާއި ފަސޭހަތައް ލިބޭނެ ކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް، ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް އަދި ވަޤުފު އިމާރާތްތައް ބިނާކުރުން ހިމެނޭހެން 70 އަށްވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް މިހާރުވެސް ދަނީ ހިނގަމުންނެވެ.