ޚަބަރު
ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ޚިދުމަތްދިނުމާއި ސްޓެލްކޯއިން ހަވާލުވެއްޖެ
ކުޅުދުއްފުށީގެ ކަރަންޓުގެ ޚިދުމަތާ ސްޓެލްކޯއިން ހަވާލުވުން. ފޮޓޯ: ސްޓެލްކޯ
ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ޚިދުމަތް ދިނުމާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެއްޖެއެވެ. މިއާއެކު ރާއްޖޭގެ 5 ސިޓީގެ ތެރެއިން 3 ސިޓީއަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ އެ ކުންފުނިންނެވެ.
ކުޅުދުއްފުށި ސިޓީގެ ކަރަންޓު އޮޕަރޭޝަންތަކާ ހަވާލުވުމުގެ ގޮތުން އެ ސިޓީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާއެވެ.
ދިދަ ނެންގެވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ފެނަކައިން ދެމުން އައި ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށް އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. އަދި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަންގެ ދަށުން ކަރަންޓު ހިމެނޭހެން އަސާސީ ޚިދުމަތްތައް ފޯރުކޮށްދެމުން އައި ރަށްތަކުގެ އޮޕަރޭޝަންތަކާ ސްޓެލްކޯއިން އަންނަނީ ފަހަރަކު ރަށަކުން ރަސްމީކޮށް ހަވާލުވަމުންނެވެ. މިގޮތުން ރާއްޖޭގެ އެންމެ އުތުރުން ހއ. އަތޮޅުގެ ރަށްތަކުގެ ޚިދުމަތްތަކާ މިހާރު ހަވާލުވެފައިވާއިރު، މީގެ ކުރިން ވަނީ އައްޑޫ ސިޓީގެ ކަރަންޓު ޚިދުމަތާވެސް ހަވާލުވެފައެވެ. އެ ކުންފުނީގެ އަމާޒަކީ މިހާރު ހަވާލުނުވެ ހުރި ރަށްތަކުގެ މަސައްކަތްތަކާވެސް ވީހާވެސް އަވަހަށް ހަވާލުވެ ނިންމުމެވެ.
ފެނަކަ އުވާލައި ސްޓެލްކޯގެ ދަށަށް މި ޚިދުމަތްތައް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވަނީ ހިންގުމުގެ ޚަރަދު ކުޑަކޮށް، ހަރުދަނާ އަދި ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.