ޚަބަރު
މިސްކިތްތައް މަރާމާތުކުރަން 'އުރީދޫ މަސްޖިދުނާ' އިފްތިތާޙުކޮށްފި
އިސްލާމީ ވުޒާރާއާއި އުރީދޫ އާއި ދެމެދު ވެވުނު އަހުދުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިނ. ފޮޓޯ: ވުޒާރާ
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކޮށް، އެ ތަންތަނުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މި އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މިއީ ދީނީ ޢިމާރާތްތަކާއި ވަޞީލަތްތައް ހަރުދަނާކުރުމަށާއި، ރާއްޖޭގެ އެކި އާބާދީތަކުގެ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އުރީދޫގެ އިޖުތިމާޢީ ޒިންމާ (ސީ.އެސް.އާރު) ގެ ދަށުން ދެ ފަރާތް ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި ޕްރޮގްރާމްގެ ދަށުން ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފަސް މިސްކިތެއް މަރާމާތުކުރުމަށް އުރީދޫން ވަނީ އަމާޒު ހިފާފައެވެ. އަދި މި މަސައްކަތްތައް ކޮންމެ އަހަރެއްގެވެސް ރަމަޟާން މަސް ފެށުމުގެ ކުރިން އެއްކޮށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
"އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވްއަކީ ރާއްޖޭގެ އިސްލާމީ އުމްރާނީ ތަރައްޤީ ކުރިއެރުވުމުގައި ސަރުކާރާއި އަމިއްލަ ކުންފުނިތައް ގުޅިގެން މަސައްކަތްކުރުމަށް ވުޒާރާއިން ކުރަމުންދާ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ މިސްކިތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.