ޚަބަރު
ގުޅި ލާމެހިފައިވާ ވެއްޓެއް ގާއިމުކުރަން އެޗްޑީސީން ޑިސެބިލިޓީ އެމްބެސެޑަރުން އައްޔަންކޮށްފި
އެޗްޑީސީ. ފޮޓޯ: ފަރުދުން
ގުޅި ލާމެހިފައިވާ ވެއްޓެއް ގާއިމުކުރުމަށް ޓަކައި، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ޑިސެބިލިޓީ އެމްބެސެޑަރުން އައްޔަންކޮށްފިއެވެ.
އެޗްޑީސީއިން ވިދާޅުވީ، އެ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގައި މުޖުތަމައުގެ އެންމެހާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ޝާމިލުކުރުމުގެ ގޮތުން "ޕާސަންސް ވިތް ޑިސެބިލިޓީ (ޕީޑަބްލިޔުޑީ)" އެމްބެސެޑަރުންގެ ގޮތުގައި ދެ ބޭފުޅަކު އައްޔަންކޮށްފައިވާ ކަމަށެވެ.
ލާމެހިފައިވާ ވެއްޓެއް ގާއިމުކުރުމުގެ ތަސައްވުރުގެ ތެރެއިން މި އަހަރުގެ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހު، އެ ކޯޕަރޭޝަންގެ ޕީޑަބްލިޔުޑީ އެމްބެސެޑަރުންގެ ގޮތުގައި ރަސްމީކޮށް އައްޔަންކޮށްފައި ވަނީ، ހިއުމަން ރިސޯސް މެނޭޖްމަންޓްގެ އާމިނަތު އިރާޝާ އަދި ސެންޓްރަލް އޮޕަރޭޝަންސްގެ އަޙްމަދު ނަޖީބެވެ. އެ ބޭފުޅުންގެ އެމްބެސެޑަރުކަމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހަށެވެ.
ދެ ބޭފުޅުންނާއެކު ސޮއިކުރި ފަހުމުނާމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއް ހޯދައިދިނުމަށް އެ ބޭފުޅުންގެ ޚިޔާލާއި، މަޝްވަރާއާއި، ކަންބޮޑުވުންތައް މެނޭޖްމަންޓަށް ހުށަހެޅުމުގައި ދެ އެމްބެސެޑަރުން އެހީވާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
މީގެ އިތުރުން ވެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ގުޅޭ މަސައްކަތްތައް ޑިޕާޓްމަންޓްތަކުން ކުރިއަށްގެންދޭތޯ ބެލުމުގައާއި، ހުޅުމާލޭގައި ކުރިއަށްގެންދާ މަޝްރޫއުތައް ކުރިއަށްދަނީ އެންމެންނަށް ބައިވެރިވެވޭ ގޮތަށްކަން ކަށަވަރުކުރުމުގައި އެ ކޯޕަރޭޝަނަށް އެމްބެސެޑަރުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
އެންމެންނަށް ފަހި ތަނެއްގެ ގޮތުގައި ހުޅުމާލެ ބިނާކުރެވޭނީ މުޅި މުޖުތަމަޢުގެ އެއްބާރުލުމާއެކީގައިކަން ފާހަގަކުރައްވާ އެޗްޑީސީން ވިދާޅުވީ، އެ ކޯޕަރޭޝަނުން އައްޔަންކުރި އެމްބެސެޑަރުން މަސައްކަތްކުރާނީ ރައްޔިތުންގެ ޚިޔާލުތަކާއި ބޭނުންތައް ދެނެގަނެ، އެ ކަންކަން ހަގީގަތަކަށް ހެދުމަށް ކަމަށެވެ. އަދި މަގުތަކާއި އާންމު ސަރަހައްދުތައް ތަރައްގީކުރުމުގައި ވެސް ދެމިތިބޭނީ މި އަޒުމުގައި ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
"މި ކޯޕަރޭޝަންގެ އެންމެ ބޮޑު އެއް އަމާޒަކީ ހުޅުމާލެއަކީ އެންމެހައި ރައްޔިތުންނަށް ބޭނުންކުރަން ފަސޭހަ، އެންމެންގެ ބައިވެރިވުން އެކުލެވޭ ރަށަކަށް ހެދުން. އަދި، ވަސީލަތްތަކާއި، މަސައްކަތުގެ މާޙައުލާއި މުޅި ހުޅުމާލެއަކީ ވެސް ލާމެހިފައިވާ ވެއްޓަކަށް ހެދުން."
އެޗްޑީސީގެ ހިއުމަން ރިސޯސް މެނޭޖްމަންޓްގެ އެކްޓިން ހެޑް މުހައްމަދު ހިސާން ވިދާޅުވިއެވެ.
މި ފަދަ އެއްވެސް ކަންބޮޑުވުމެއް ހިއްސާކުރައްވަން ބޭނުންފުޅު ނަމަ، އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516 އަށް ގުޅުއްވައިގެން އެކަން ހިއްސާކުރެއްވޭނެއެވެ. މީގެ އިތުރުން އެޗްޑީސީން ވަނީ، ކަންބޮޑުވުންތައް ހައްލުކޮށް، ލާމެހިފައިވާ ވެއްޓެއް ގާއިމުކުރުމަށް އެ ކޯޕަރޭޝަނަށް މިހާރު ވެސް ދެއްވަވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.