ޚަބަރު
އއ. ފެރިދޫ އާއި ފ. މަގޫދޫ ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވުން. ފޮޓޯ: ކުޅިވަރާއި ބެހޭ ވުޒާރާ
އއ. ފެރިދޫ އާއި ފ. މަގޫދޫ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބަޔަކާ ހަވާލުކޮށްފިއެވެ.
މި ދެ ރަށުގައި ފުޓުބޯޅަ ދަނޑުތައް ތަރައްގީކުރުމުގެ މަސައްކަތް އެ ވުޒާރާއިން ހަވާލުކޮށްފައި ވަނީ ބަދަހި އިންވެސްޓްމެންޓް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ. އެއްބަސްވުން ތަކުގައި ވުޒަރާގެ ފަރާތުން ސޮއިކުރެއްވީ، ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ނިޔާޒްއެވެ. އަދި ބަދަހި އިންވެސްޓްމެންޓް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޝިއުސް ފަރީދުއެވެ.
މި އެއްބަސްވުމުގެ ދަށުން ފެރިދޫ ފުޓުބޯޅަ ދަނޑު ތަރައްޤީކޮށް ނިންމުމަށް ހަވާލުކޮށްފައި ވަނީ 120 ދުވަހުގެ ތެރޭގައެވެ. މި މަސައްކަތް ކުރުމަށް އެ ކުންފުންޏަށް ހަވާލުކޮށްފައި ވަނީ 6,740,300.37 ރުފިޔާއަށެވެ.

އަދި މަގޫދޫ ފުޓުބޯޅަ ދަނޑު ތަރައްޤީކޮށް ނިންމުމަށް ހަވާލުކޮށްފައި ވަނީ 180 ދުވަހުގެ ތެރޭގައެވެ. މި މަސައްކަތް ކުރުމަށް އެ ކުންފުންޏަށް ހަވާލުކޮށްފައި ވަނީ 8,799,246 ރުފިޔާއަށެވެ.
ރަށްރަށުގެ ކުޅިވަރު ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ ސިޔާސަތެކެވެ.