ކޮލަމް

އަންހެނުންނަށް ބޯތަލަ ފިރިހެނުން މާ ކަމުދޭ: ސިއްރަކީ ކޮބާ؟

އަންހެނުންނަށް ބޯތަލަ ފިރިހެނުން މާ ކަމުދޭ: ސިއްރަކީ ކޮބާ؟

އަންހެނުންނަށް ބޯތަލަ ފިރިހެނުން މާ ކަމުދޭ - ފޮޓޯ: ސައިކޮލޮޖީ ޓުޑޭ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

15 އޮކްޓޯބަރު 2026، 01:42

15 އޮކްޓޯބަރު 2026، 01:42

ބޮލުން އިސްތަށި ފައިބައި، ބޯތަލަވާން ފެށުމަކީ ގިނަ ފިރިހެނުންނަށް ނަފްސާނީ ގޮތުން ބޮޑެތި ތަކުލީފު ކުރިމަތިލާންޖެހޭ ކަމެކެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލި، އަނެކުންގެ ކުރިމަތީގައި އޭނާ އަކީ ރީތި މީހެއް ނޫން ކަމުގެ ބިރު ބޮޑުވެއެވެ. ނަމަވެސް، ފަހުގެ އިލްމީ ދިރާސާތަކާއި ސާވޭތަކުން ދައްކާ ގޮތުގައި މި ވިސްނުމަކީ ކުށްހީއެކެވެ؛ ގިނަ އަދަދެއްގެ އަންހެނުންނަށް ބޯތަލަ ފިރިހެނުންގެ ސިފަތައް މާ ބޮޑަށް ވެސް ކަމުދެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަދާފައިވާ ސައިކޮލޮޖިކަލް ދިރާސާތަކުން ދައްކާ ގޮތުގައި، ބޯބާލާފައި ތިބޭ ފިރިހެނުންނަކީ އާދައިގެ މީހުންނަށް ވުރެ ބާރުގަދަ، ލީޑަރޝިޕް ސިފަތައް އެކުލެވޭ، އަދި އިތުބާރު ބޮޑު ބައެއްގެ ގޮތުގައި އަންހެނުން ދެކެއެވެ. ޔުނިވަރސިޓީ އޮފް ޕެންސިލްވޭނިއާގެ ދިރާސާއަކުން ހާމަވި ގޮތުގައި، އިސްތަށިގަނޑު ހުންނަ ފިރިހެނުންނަށް ވުރެ ބޯބާލާފައި ތިބޭ ފިރިހެނުން މާ ބޮޑަށް ހައިބަތު ހުރި ބައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ހަމައެއާއެކު، ބޯތަލަވުމަކީ ފިރިހެންވަންތަކަމާއި، ބާރާއި، ތަސައްރުފު ފުދުމުގެ ރަމްޒެއްގެ ގޮތުގައި ގިނަ އަންހެނުން ސިފަކުރެއެވެ.

ދާދިފަހުން 2،000 އަންހެނުން ބައިވެރިކޮށްގެން ހެދި ސާވޭއަކުން ދައްކާ ގޮތުގައި، ފިރިހެނުންގެ ހަށިގަނޑުގެ ބައްޓަމަށް ފަހު، އަންހެނުންނަށް އެންމެ ކަމުދާ ދެވަނަ ސިފައަކީ ބޯތަލަކޮށް ނުވަތަ ބޯބާލާފައި ހުރުމެވެ. މި ސިފަ ވަނީ ކަޅު އިސްތަށިގަނޑާއި، ބުޅި އިސްތަށިގަނޑު އަދި ކުލަ ކުލައިގެ އިސްތަށިގަނޑަށް ވުރެ ވެސް ކުރި ހޯދާފައެވެ. އަދި 'ސްކަލް ޝޭވަރ' އިން ހެދި ސާވޭއަކުން ދައްކާ ގޮތުގައި 87.5 އިންސައްތަ އަންހެނުން ބުނެފައިވަނީ، ބޮލުގައި އިސްތަށި ހުންނަ ފިރިހެނަކަށް ވުރެ ބޮޑަށް ތަލަ ފިރިހެނެއްގެ ކިބައިން ފެންނަ އަމިއްލަ ނަފްސުގެ އިތުބާރު މާ ބޮޑަށް ޝައުގުވެރިކުރުވާ ކަމަށެވެ.

މީޑިއާއާއި މަގުބޫލު ސަގާފަތަށް ބަލާއިރު ވެސް، ޑްވޭން 'ދަ ރޮކް' ޖޮންސަން، ޖޭސަން ސްޓޭތަމް އަދި ވިން ޑީޒަލް ފަދަ ހޮލީވުޑްގެ އެންމެ ކާމިޔާބު އަދި މަގުބޫލު ތަރިންނަކީ ބޯތަލަ މީހުންނެވެ. އެމީހުންގެ ސަބަބުން ބޯތަލަ މީހުންނާމެދު ދެކޭ ގޮތް ވަނީ މުޅިން ބަދަލުވެފައެވެ. ކުރިން ބޯތަލަވުމަކީ ދުވަސްވުމުގެ ނިޝާނެއްގެ ގޮތުގައި ދުށް ނަމަވެސް، މިއަދު އެއީ ސްޓައިލާއި، ހައިބަތާއި، ފިރިހެންވަންތަކަމުގެ ރަމްޒެކެވެ.

މިކަމާ ގުޅޭގޮތުން ސައިކޮލޮޖިސްޓުން ވިދާޅުވަނީ، އަންހެނުންގެ މައިގަނޑު ސަމާލުކަން ހުއްޓެނީ ބޮލުގައި އިސްތަށި ހުރި މިންވަރަކަށް ނޫނެވެ؛ އެމީހަކު އަމިއްލަ ސިފައާމެދު ދެކޭ ގޮތަށެވެ. އިސްތަށި ފައިބާތީ އެކަން ފޮރުވަން ތޮފި އެޅުމާއި، އާދަޔާޚިލާފު ގޮތްގޮތަށް އިސްތަށިގަނޑު ހަދައިގެން އުޅުމުގެ ބަދަލުގައި، އެކަން ބަލައިގަނެ ބޯ އެއްކޮށް ބާލައި، ސާފުތާހިރުކޮށް ހުރުމުން މީހާއަށް އަނެއް މީހާ ސަމާލުކަން ހުއްޓޭވަރު ވަރު އިތުރުވެގެންދާކަމަށެވެ. ޚާއްސަކޮށް ތުނބުޅިއާއެކު ބޯބާލާފައި ހުންނަ ހުރުމަކީ ވަރަށް ގިނަ އަންހެނުންގެ މެދުގައި މަގުބޫލު ސިފައެކެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އުމުރުން 35 އަހަރު ވާއިރު ތިންބައިކުޅަ ދެބައި ފިރިހެނުންގެ އިސްތަށި ފައިބައެވެ. އެހެންކަމުން މިއީ ގުދުރަތީ އާންމު ކަމެކެވެ. މި ހޯދުންތަކުން ސާފުވާ ހަގީގަތަކީ، އަންހެނުންގެ ހިތް ދަމައިގަންނަނީ ބޮލުގައި ހުންނަ އިސްތަށިގަނޑަކުން ނޫން ކަމާއި، އަމިއްލަ ނަފްސަށް އޮންނަ ސާބިތު އިތުބާރާއި، ރިވެތި އަޚްލާގާއި، ޝަޚްސިއްޔަތުގެ ވަރުގަދަކަމުން ކަމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450