Ads by Farudhun

ޚަބަރު

ކުންފުނިތަކުގެ އެހީއާއެކު އައު ޖީލުގެ ހިތްތަކުގައި މިސްކިތްތަކުގެ ޤަދަރު އުފުލޭނެ: ޑރ. ޝަހީމް

ކުންފުނިތަކުގެ އެހީއާއެކު އައު ޖީލުގެ ހިތްތަކުގައި މިސްކިތްތަކުގެ ޤަދަރު އުފުލޭނެ: ޑރ. ޝަހީމް

އިސްލާމީ ވުޒާރާއާއި އުރީދޫ އާއި ދެމެދު ވެވުނު އަހުދުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އުރީދޫ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

15 އޮކްޓޯބަރު 2026، 02:54

15 އޮކްޓޯބަރު 2026، 02:54

ކުންފުނިތަކުގެ އެހީއާއެކު އައު ޖީލުގެ ހިތްތަކުގައި މިސްކިތްތަކުގެ ޤަދަރު އުފުލޭނެ ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފެށި "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މި އެއްބަސްވުމުގެ ދަށުން ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހުގެ ކުރިން، ކަނޑައެޅޭ ވަކި މިސްކިތްތަކެއް އުރީދޫގެ ސީއެސްއާރްގެ ދަށުން މަރާމާތުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތްތައް ކުރިއަށް ގެންދާނީ އުރީދޫ އާއި ކަމާބެހޭ ކައުންސިލްތައް ގުޅިގެންނެވެ. މިފަދަ މުހިންމު މަސައްކަތެއް އިސްނަންގަވައިގެން ފެއްޓެވި ކަމަށްޓަކައި އުރީދޫގެ ސީނިއަރ މެނޭޖްމެންޓަށާއި، މުވައްޒަފުންނަށް އަދި ސީސީއޯއަށް ވަޒީރު ވަނީ ވުޒާރާގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.

އުރީދޫއަކީ ވުޒާރާގެ ތާރީޚުގައި ވަރަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ވުޒާރާއިން ކުރިއަށްގެންދިޔަ މުހިންމު އިސްލާމީ ކަންކަމުގައި އަބަދުވެސް އެ ކުންފުނިން އެއްބާރުލުން ދީފައިވާ ކަމަށެވެ. އެގޮތުން މިސްކިތް ފަންޑު އުފެދުނީއްސުރެ އުރީދޫން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަމަށާއި، ފޯނު މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމުގެ ޚިދުމަތް ފެށުމާއި، މުސްޙަފު މާލްދީބު މަޝްރޫޢު ފަދަ ޤައުމީ މުހިންމު މަސައްކަތްތަކުގައި އެ ކުންފުނިން އަދާކުރި ދައުރު ވަޒީރު ފާހަގަކުރެއްވިއެވެ.

ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ކުންފުނިތަކުން މިސްކިތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މުޖުތަމަޢަށް އޭގެ ހެޔޮ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ކުންފުނިތަކުން މިސްކިތްތަކަށް އެހީތެރިކަންދޭ މަންޒަރު ފެނުމާއި، އަމަލީ ގޮތުން އެކަން ތަންފީޒުވެގެން ދިއުމަކީ، ހެދި ބޮޑުވަމުން އަންނަ ޖީލުގެ ހިތްތަކުގައި ވެސް އަދި މުޖުތަމައުގައި ވެސް، އަޅުގަނޑުމެންގެ މިސްކިތްތަކަށް އޮންނަ މަތިވެރިކަމާއި ގަދަރު އުފެދިގެންދާނެ ކަމެއް،"

ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، މިސްކިތުން ކުނިކޮޅެއް ބޭރުކޮށްލުމަކީ ވެސް ބޮޑު ސަވާބެއް ލިބޭ ކަމެއްކަން ފާހަގަކުރައްވައި، މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކޮށް، އެ ތަންތަނުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ވަނީ އިފްތިތާޙުކޮށްފައެވެ. 

މި ޕްރޮގްރާމްގެ ދަށުން ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފަސް މިސްކިތެއް މަރާމާތުކުރުމަށް އުރީދޫން ވަނީ އަމާޒު ހިފާފައެވެ. އަދި މި މަސައްކަތްތައް ކޮންމެ އަހަރެއްގެވެސް ރަމަޟާން މަސް ފެށުމުގެ ކުރިން އެއްކޮށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450