ޚަބަރު
ފެނަކައިގެ އެކްޓިން އެމްޑީގެ މަޤާމަށް ސްޓެލްކޯގެ އެމްޑީ ޑރ.އަޒުވަރު އައްޔަނުކުރައްވައިފި
އަލީ އަޒްވަރު--
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އެގްޒެކެޓިވް ޑިރެކްޓަރ އަދި އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޑރ. އަލީ އަޒުވަރު އައްޔަނުކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވިދާޅުވީ، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ސ.ފޭދު، ނެސްޕްރޯވިލާ، ޑރ. އަލީ އަޒުވަރު އައްޔަނުކޮށްފައި ވަނީ 15 އޮކްޓޯބަރ 2026 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
އަދި ޕީސީބީއިން ވަނީ، ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑަށް، ހ.ހުދުރިޔާ، އިބްރާހިމް ނިޠާމް ވެސް އައްޔަނުކުރައްވާފައެވެ.
ފެނަކަ ކުންފުނީގެ ހިންގުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރާއި ހަވާލުކޮށްފައި ވަނީ އެ ކުންފުނި އުވާލައި، ކުންފުނީގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރަމުންދާ މަރުހަލާ ކުރިއަށްދާ ދަނޑިވަޅެއްގައެވެ.
ސަރުކާރު ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށާއި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ސިޔާސަތުގެ ދަށުން، ފެނަކަ އުވާލައި އެ ކުންފުނިން ކުރަމުންދިޔަ އެންމެހައި މަސައްކަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
މި ނިންމުމާ އެއްގޮތަށް ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯއާ ހަވާލުކުރުމުގެ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށްދާއިރު، ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ ރަށްތަކެއްގައި ފެނަކައިގެ ދަށުން ފޯރުކޮށްދެމުން އައި އަސާސީ ޚިދުމަތްތައް މިހާރު ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ. އަދި ބާކީ ހުރި ރަށްތަކުގެ މަސައްކަތްތަކާ ހަވާލުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ސްޓެލްކޯއިން މިހާރު ދަނީ ކުރަމުންނެވެ.