Ads by Farudhun

ޚަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން ވޯލްޑް ބޭންކާއި އައިއެމްއެފްއިން ފާހަގަކޮށްފި

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން ވޯލްޑް ބޭންކާއި އައިއެމްއެފްއިން ފާހަގަކޮށްފި

އައިއެމްއެފްގެ އެގްޒެކެޓިވް ޑިރެކްޓަރާއި މާލީ ވަޒީރު ބައްދަލުކުރެއްވުން / ފޮޓޯ: މާލީ ވުޒާރާ

farudhun logo

ފަރުދުން

15 އޮކްޓޯބަރު 2026، 07:26

15 އޮކްޓޯބަރު 2026، 07:26

ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައިސްފައިވާ ހެޔޮ ބަދަލާއި ކުރިއެރުން ދުނިޔޭގެ މާލީ މައި ދެ އިދާރާ ކަމަށްވާ ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ފާހަގަކޮށް މަރުޙަބާ ކިޔައިފިއެވެ.

މި ދެ މާލީ އިދާރާއިން މިކަން ހާމަކޮށްފައިވަނީ، ދެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރުން ރާއްޖޭގެ މާލީ ވަޒީރު ޙަސަން ޒަމީރާއެކު ބޭއްވެވި މުހިންމު ބައްދަލުވުމެއްގައެވެ. މި ބައްދަލުވުންތައް ކުރިއަށްދިޔައީ ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައެވެ. މާލީ ވަޒީރު މިހާރު ތައިލެންޑަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ވޯލްޑް ބޭންކާއި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި ދެ އިދާރާގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވަނީ މި އަހަރީ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ވަކިވަކިންނެވެ.

މި ބައްދަލުކުރެއްވުންތަކުގައި މާލީ ވަޒީރާއި އެ އިދާރާތަކުގެ އިސްވެރިން ވަނީ ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ އިސްލާޙީ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. މިގޮތުން، ރާއްޖޭގެ އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ހޯދަމުންދާ ކުރިއެރުންތައް ބަލައިގަންނަކަމަށް އައިއެމްއެފާއި ވޯލްޑް ބޭންކުން ވަނީ ހާމަކޮށްފައެވެ. އަދި ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއެކު ބާއްވަމުންދާ ގާތް ގުޅުމަށް ވެސް އެ ފަރާތްތަކުން ވަނީ ތައުރީފުކޮށްފައެވެ.

ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިން އޭޖެންސީތަކުން ރާއްޖޭގެ ރޭޓިން މައްޗަށް ޖެއްސުމުގެ މައިގަނޑު ސަބަބެއް ކަމަށް ފާހަގަކޮށްފައިވަނީ، ރާއްޖެއިން ބޭރުގެ ދަރަނިތައް އެއްވެސް ޑިފޯލްޓަކާ ނުލައި، ގަވާއިދުން ދައްކަމުން ދިއުމެވެ. މިގޮތުން މިއަހަރުގެ އެޕްރީލް މަހު އަދާކުރަން ޖެހުނު 500 މިލިއަން ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމާއި، އަވަށްޓެހި އިންޑިއާއިން ނަގާފައިވާ ދަރަނިތައް ވެސް ޝެޑިއުލާ އެއްގޮތަށް އަނބުރާ ދައްކަމުންދާކަން ވަނީ ފާހަގަކޮށްފައެވެ.



މި ފިޔަވަޅުތަކާއެކު، ދުނިޔޭގެ މަޝްހޫރު ކްރެޑިޓް ރޭޓިން އޭޖެންސީއެއް ކަމަށްވާ ފިޗުން ވަނީ މިދިޔަ ޖޫން މަހު ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީސީ" އިން "ސީސީސީ" ނުވަތަ އެއް ދަރަޖަ މައްޗަށް ޖައްސާފައެވެ. މީގެއިތުރުން، މޫޑީސްއިން ވެސް ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ރާއްޖޭގެ ރޭޓިން މަތިކޮށް، "ސީއޭއޭ 1"އަށް ޖައްސާފައެވެ.

ރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިން މޫޑީސް އަދި ފިޗުން ހަދަން ފަށާފައިވަނީ 2017 ވަނަ އަހަރުން ފެށިގެންނެވެ. ރާއްޖޭގައި މިފަދަ ރޭޓިންތައް ހަދަން ފަށާފައިވަނީ، ޤައުމުގެ ޢުމްރާނީ ތަރައްޤީއަށް ބޮޑެތި ލޯނުތަކާއި ދަރަނިތައް ނަގަން ފެށުމާއެކު، ރާއްޖޭގެ މާލީ ޙާލަތު ވަޒަންކުރުމަށާއި، ބައިނަލްއަޤްވާމީ މާލީ ބާޒާރުތަކަށާއި އިންވެސްޓަރުންނަށް ރާއްޖޭގެ އިޤްތިޞާދީ ދުޅަހެޔޮކަން ހާމަކޮށްދިނުމަށް ފަހި ނިޒާމެއް ޤާއިމުކުރުމުގެ ބޭނުމުގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450