ޚަބަރު
ހަފްތާ ބަންދަށް ހާއްސަކޮށް މީދޫގައި ދަނޑުވެރިންގެ މާރުކޭޓެއް ހުޅުވައިފި
އައްޑޫ މީދޫގައި ހުޅުވި މާރުކޭޓު---
އައްޑޫ ސިޓީ މީދޫގެ ދަނޑުވެރިންނާއި އާންމު ރައްޔިތުންގެ އުފެއްދުންތައް ފަސޭހަކަމާއެކު ވިއްކޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން، ހަފްތާ ބަންދަށް ހާއްސަކޮށްގެން އެ ރަށުގައި ދަނޑުވެރިންގެ މާރުކޭޓެއް ހުޅުވައިފިއެވެ.
މީދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ މި މާރުކޭޓު ރަސްމީކޮށް ހުޅުވައިދެއްވީ، މި އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް މީދޫ ކައުންސިލުން ބޭއްވި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެ ރަށަށް ވަޑައިގެންނެވި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
މީދޫ ކައުންސިލުން ނިންމާފައިވަނީ ކޮންމެ ހަފުތާއެއްގެ ބަންދު ދުވަސްތަކުގައި މި މާރުކޭޓުގެ ޚިދުމަތް ކުރިއަށް ގެންދިއުމަށެވެ. މީގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ދަނޑުވެރިން އުފައްދާ ތަކެއްޗަށް އެކަށީގެންވާ މާކެޓެއް ހޯދައިދިނުމާއި، އަމިއްލަ މަސައްކަތްތައް ކުރާ ފަރާތްތަކަށް އިޤްތިޞާދީ ފުރުޞަތުތައް ފަހިކޮށްދިނުމެވެ.
މާރުކޭޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މީދޫ ކައުންސިލްގެ ރައީސް އަޙްމަދު ސާތިރު ވިދާޅުވީ، މި މާރުކޭޓުގެ ސަބަބުން ދަނޑުވެރިން ހައްދާ ތަރުކާރީއާއި މޭވާގެ އިތުރުން، ގޭގޭގައި ހައްދާ ގަސްގަހާގެއްސާއި، އަމިއްލައަށް ތައްޔާރުކުރާ ތަފާތު ވައްތަރުގެ ކާބޯތަކެތި ވިއްކުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ ކަމަށެވެ.
"މީގެ ފަހުން ކޮންމެ ހަފުތާ ބަންދެއްގައި ވީކެންޑް މާކެޓްގެ ނަމުގައި މި ޙަރަކާތް ކުރިއަށްދާނެ. ގޭގައި ހައްދާ ގަހާއި، ތައްޔާރުކުރާ ކާބޯތަކެތި ވިއްކުމުގެ ފުރުސަތު މިތަނުން ލިބޭނެ. ކައުންސިލްގެ އަބަދުވެސް އަމާޒަކީ ރައްޔިތުންނަށް އިޤްތިޞާދީ ގޮތުން ފަހި ފުރުޞަތުތަކެއް ހޯދައިދިނުން،" ސާތިރު ވިދާޅުވިއެވެ.
މި މާރުކޭޓު ހުޅުވުމާ ގުޅިގެން ވިޔަފާރިވެރިން ވަނީ، އުފެއްދުންތައް މާކެޓްކޮށް ވިއްކުމަށް މިފަދަ ފަހި ފުރުޞަތެއް ކައުންސިލުން ހަމަޖައްސައިދިނުމަކީ އެ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ލުޔެއްކަން ފާހަގަކޮށް، މި އިންތިޒާމާމެދު ނުހަނު ބޮޑަށް ހިތްހަމަޖެހުން ފާޅުކޮށްފައެވެ.