ވިޔަފާރި / ޚަބަރު

އޮގަސްޓް މަހު ރާއްޖޭގެ އިގްތިސާދު ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ކުރިއަރައިފި

އޮގަސްޓް މަހު ރާއްޖޭގެ އިގްތިސާދު ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ކުރިއަރައިފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޮޓުގައި ގިނަ ފްލައިޓުތަކެއް ޖައްސާފައި / ފޮޓޯ: ވީއައިއޭ

farudhun logo

ފަރުދުން

16 އޮކްޓޯބަރު 2026، 02:49

16 އޮކްޓޯބަރު 2026، 02:49

2026 ވަނަ އަހަރުގެ އޮގަސްޓް މަހު ރާއްޖޭގެ އިގްތިސާދު ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.4 އިންސައްތައިގެ ކުރިއެރުމެއް ހޯދައިފިއެވެ.

މިކަން ހާމަވެފައިވަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މި އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު އާންމުކުރި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ވަޒަންކުރާ "މަންތްލީ އިންޑިކޭޓަރސް އޮފް އިކޮނޮމިކް ގްރޯތް" (އެމް.އައި.އީ.ޖީ) ރިޕޯޓުންނެވެ.

އެ ބިއުރޯގެ ރިޕޯޓުގައިވާ ގޮތުން، އޮގަސްޓް މަހު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަނީ 9.64 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިކޯޑުކުރެވުނު 9.41 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރުވުމެކެވެ. އަދި މިއީ 2026 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 5.4 އިންސައްތައިގެ ކުރިއެރުމެއްކަން ވެސް ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން، މި ނިމިދިޔަ އޯގަސްޓް މަހުގެ ޖުމްލަ އިޤްތިޞާދީ ކުރިއެރުން 10.06 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުން އިޤްތިޞާދީ ހަރަކާތްތައް މިހާ މަތީ މިންވަރަކަށް ރިކޯޑުކުރެވުނު ފުރަތަމަ ފަހަރެވެ. އަދި މިއީ 2024 ވަނަ އަހަރުގެ އޯގަސްޓް މަހު ރިކޯޑުކުރެވުނު 8.65 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 11.4 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ އޮގަސްޓް މަހުގެ އިގްތިސާދީ ކުރިއެރުމަށް އެންމެ ބޮޑު ހިއްސާއެއް ވެފައިވަނީ މާލީ ހިދުމަތްތަކުގެ ދާއިރާއިންނެވެ. އެގޮތުން މާލީ މުއާމަލާތްތަކާއި އިންޝުއަރެންސްގެ ހިދުމަތްތައް އިތުރުވުމާ ގުޅިގެން، މި ދާއިރާ ވަނީ 21.9 އިންސައްތަ ކުރިއަރައި، 748 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މީގެ އިތުރުން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި 8.1 އިންސައްތަ ކުރިއަރައި 864 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، އިމާރާތްކުރުމުގެ ދާއިރާ ވަނީ 10.4 އިންސައްތަ ކުރިއަރައި 487 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަދި ރިއަލް އެސްޓޭޓް ހަރަކާތްތަކުން ވެސް ރަނގަޅު ކުރިއެރުމެއް ވަނީ ހޯދާފައެވެ.

ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު ދާއިރާގެ ގޮތުގައި އަދިވެސް އޮތީ ފަތުރުވެރިކަމުގެ ހިދުމަތްތައް ހިމެނޭ ހޮސްޕިޓާލިޓީ އަދި ފުޑް ސާވިސަސް ދާއިރާއެވެ. މުޅި އިގްތިސާދީ ކުރިއެރުމުގެ 23.1 އިންސައްތަ ހިއްސާކުރާ މި ދާއިރާއިން އޮގަސްޓް މަހު ވަނީ 2.23 ބިލިއަން ރުފިޔާ އުފައްދާފައެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 0.7 އިންސައްތައިގެ ކުރިއެރުމެއް ނަމަވެސް، މިއަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިއީ 10.6 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މި ކުރިއެރުން އައިސްފައިވަނީ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު އިތުރުވުމާ ގުޅިގެންނެވެ.

މީގެއިތުރުން އިގްތިސާދުގެ 11.7 އިންސައްތަ ހިއްސާކުރަނީ ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތްތަކުގެ ދާއިރާއިންނެވެ.

ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ޖޫން މަހު އިޤްތިޞާދީ ހަރަކާތްތައް ދަށްވުމަށްފަހު، ޖުލައި އަދި އޮގަސްޓް މަހު ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް މިހާރު ވަނީ ވަރަށް ބާރުމިނެއްގައި ކުރިއަރަން ފަށާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450