ޚަބަރު
ރާއްޖޭގެ ސިޔާދަތީ ބާރު ގެއްލޭ ގޮތަށް ސަރުކާރުން އެއްވެސް ނިންމުމެއް ނުނިންމާނެ: ވަޒީރު އިޙްސާން
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން---
ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ގެއްލޭ ގޮތަށް އަދުގެ ސަރުކާރުން އެއްވެސް ނިންމުމެއް ނުނިންމާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ދެއްވައިފިއެވެ.
ވަޒީރު އިޙްސާން މިފަދައިން ވިދާޅުވީ، ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ އިސްލާމީ ވަޙްދަތަށާއި މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހަކު ހިއްސާކުރި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.
މިކަމާ ގުޅިގެން ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރަހައްދުގެ ކޮންމެ އިންޗިއަކަށް ވެސް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާނެ ކަމަށާއި، ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ޤާނޫނީ ފުރިހަމަ ބާރު އެ ސަރަހައްދުތަކުގައި އޮންނާނެ ކަމަށެވެ. އަދި މި ނޫން ގޮތަކަށް މި ސަރުކާރުން އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑަކީވެސް މިރާއްޖެ ދިފާއުކުރުމަށް ފުރާނަ ދޫކޮށްލުމަށް ހުވާކޮށްގެން ހުރި މީހެއް. މިގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކިރިޔާވެސް ގެއްލުމެއް ލިބިދާނެފަދަ އެއްވެސްކަމެއް މިސަރުކާރުން ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ތަފްސީލު ދެއްވަމުން ވިދާޅުވީ، މިހާރު ވާހަކަ ދެކެވެމުންދާ ރަސްމާލޭގެ އެއްބަޔަކީ ވެސް ރާއްޖޭގައި ވިޔަފާރި އުސޫލުން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ. އެގޮތުން ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި އަދި ސިނާއީ މަސައްކަތްތަކަށް ދޫކޮށްފައިވާ 200 އަށްވުރެ ގިނަ ރަށް މިހާރުވެސް ރާއްޖޭގައި އެބައޮތް ކަމަށާއި، މި ހުރިހާ ރަށެއްގައިވެސް އާންމު ސެކިއުރިޓީ ބަލަހައްޓަމުންދަނީ އެ ބަޔަކު އަމިއްލައަށް ކަމަށް ވިދާޅުވިއެވެ. އަދި ރަސްމާލެ ވެސް މި އުސޫލުން ތަފާތު ނުވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ނަމަވެސް، މި ހުރިހާ ތަނެއްގައި ވެސް ދިވެހި ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ ފުލުހުން އެކަން ކުރާނެ ކަމަށާއި، ރަސްމާލޭގައި ވެސް ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޕްރޮޖެކްޓްގެ ބާވަތުން އެ މަސައްކަތް ކުރަން ޖެހެނީ އެ ރަށުގައި ޤާއިމުވެތިބެގެން ކަމަށްވާނަމަ، އެކަން ވެސް ކުރާނީ އެގޮތަށް ކަމަށާއި، އެކަމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.
ރަސްމާލެ ޕްރޮޖެކްޓާ ގުޅުވައިގެން ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފެދޭ ގޮތަށް ދޮގު ވާހަކަތައް ފަތުރަމުންދާތީ، އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ވަޒީރު ވަނީ ޤައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި ދޮގު ވާހަކަ ނުފެތުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކަންކަމުގެ ހަގީގީ މަޢުލޫމާތު ނެތްނަމަ، އެ މަޢުލޫމާތު އެނގޭ ފަރާތްތަކުން ކަންކަން އޮޅުންފިލުވައި ސާފުކުރުމަށް ވެސް ވަޒީރު އިޙްސާން ވަނީ އެދިވަޑައިގެންފައެވެ.