ޚަބަރު
އިންޑިއާގެ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވެޕްގެ މުއްދަތު އިތުރުކޮށްދީފި
ރައީސް މުއިއްޒު އާއި އިންޑިއާގެ ޕްރައިމް މިނިސްޓަރ ބައްދަލުކުރެއްވުން (ފައިލް ފޮޓޯ)---
ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް ރާއްޖެއިން ނަގާފައިވާ 30 ބިލިޔަން ރުޕީސްގެ ކަރަންސީ ސްވޮޕްގެ މުއްދަތު އެ ޤައުމުން އިތުރުކޮށްދީފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިކަން ހާމަކޮށް ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކުރުމަށް އެ ޤައުމުން ނިންމީ ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކަމަށެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންޑިއާގެ ރިޒާވް ބޭންކު މެދުވެރިކޮށް 30 ބިލިޔަން ރުޕީސްގެ މި ކަރަންސީ ސްވޮޕް ފެސިލިޓީ ނަގާފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު މުހިންމު އެއްބަސްވުމެއްގެ ދަށުން ރާއްޖެއަށް ލިބިފައިވާ މާލީ އެހީތެރިކަމެކެވެ.
2024 އިން 2027 އަށް އެކުލަވާލާފައިވާ މި އެއްބަސްވުމުގެ ދަށުން، އިންޑިއާ ރުޕީސް ބޭނުންކޮށްގެން ހިންގާ ކަރަންސީ ސްވޮޕްގައި އިންޓްރެސްޓް ރޭޓަށާއި އެހެނިހެން ޝަރުތުތަކަށްވެސް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އިންޑިއާ ހައިކޮމިޝަނުން ހާމަކުރެއްވި ގޮތުގައި، 2012 ވަނަ އަހަރުން ފެށިގެން މިހާތަނަށް އިންޑިއާގެ ރިޒާވް ބޭންކު މެދުވެރިކޮށް ރާއްޖެއަށް 1.1 ބިލިޔަން ޑޮލަރުގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.
30 ބިލިޔަން ރުޕީސްގެ ކަރަންސީ ސްވޮޕްގެ މުއްދަތު އިތުރުކޮށްދީފައިވާއިރު، އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ދިވެހި ސަރުކާރުން ވަނީ މިއަހަރު ދައްކާ ޚަލާސްކޮށްފައެވެ. މީގެއިތުރުން، 2019 ވަނަ އަހަރު އިންޑިއާ ސަރުކާރު މެދުވެރިކޮށް ތިން ބުރެއްގެ މަތިން ނަގާފައިވާ 150 މިލިޔަން ޑޮލަރުގެ ދަރަނިވެސް ސަރުކާރުން މިހާރު ވަނީ އެއްކޮށް ދައްކައި ނިންމާފައެވެ.
ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކުރުމާ ގުޅިގެން އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ، އެ ޤައުމުގެ ސަރުކާރުން ގެންގުޅުއްވާ "ނެއިބަހުޑް ފަސްޓް" ސިޔާސަތާއި "މަހާސާގަރު" ތަސައްވުރުގެ ދަށުން ރާއްޖެއަށް އަބަދުވެސް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރި ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި އިންޑިއާއިން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން އެ ބަޔާނުގައި ވަނީ ދެއްވާފައެވެ.