Ads by Farudhun

ޚަބަރު

ސައިކަލެއް ވަގަށް ނަގަން އުޅުނުކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި

ސައިކަލެއް ވަގަށް ނަގަން އުޅުނުކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި

ފުލުސް އޮފިސަރެއް މަގުމަތި ބަލަހައްޓަނީ / ފޮޓޯ: ޕޮލިސް

farudhun logo

ފަރުދުން

16 އޮކްޓޯބަރު 2026، 09:50

16 އޮކްޓޯބަރު 2026، 09:50

މާލޭގެ ގޯޅިގަނޑެއްގައި ހުރި ސައިކަލެއްގެ އަސްލު ނަންބަރު ބޯޑު ނައްޓައި، އެހެން ނަންބަރު ބޯޑެއް ހަރުކޮށްގެން ސައިކަލު ވަގަށް ނަގަން އުޅުނު ކަމުގެ ތުހުމަތުގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ. މި ތިން މީހުންނަކީ ވެސް ދިވެހިންނެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 03:55 ހާއިރުއެވެ. މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންގެ ބީޓަކަށް ކާނޭޝަން މަގު ގޯޅިގަނޑެއްގެ ތެރޭގައި ސައިކަލެއް ކައިރީ ތިން މީހަކު ޝައްކުކުރެވޭ ގޮތަކަށް ހަރަކާތްތެރިވަމުންދާތަން ފެނިގެން ވަނީ އެ ސަރަހައްދަށް ގޮސް ބަލައިފާސްކޮށްފައެވެ. އެ ވަގުތު، އެތަނުން އެކަކު ސައިކަލަށް އަރައިގެން ކާނޭޝަން މަގަށް ނެރެން އުޅެނިކޮށް ފުލުހުން ވަނީ އޭނާ ހުއްޓުވައި ސުވާލުކޮށްފައެވެ. ސުވާލުކުރުމުން އޭނާ ބުނެފައިވަނީ އެ ސައިކަލަކީ އޭނާގެ ދައްތަގެ ފިރިމީހާގެ ސައިކަލެއް ކަމަށެވެ.

އެ ވަގުތު ސައިކަލުގައި ހަރުކޮށްފައިވާ ނަންބަރު ބޯޑުގެ މައުލޫމާތު، އޭނާ ދެއްކި ވާހަކައާ ދިމާވި ނަމަވެސް، އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ތުހުމަތުކުރެވިގެން ފުލުހުން ވަނީ ސައިކަލުގެ އިންޖީނު ނަންބަރު ޗެކްކޮށްފައެވެ. އަދި އިންޖީނު ނަންބަރު އެ މައުލޫމާތާ ދިމާނުވުމުން ފުލުހުންގެ ކޮމާންޑް ސެންޓަރު މެދުވެރިކޮށް ބެލިބެލުމުން، އެ ސައިކަލުގެ އަސްލު ރަޖިސްޓްރީ ނަންބަރަކީ އެހެން ނަންބަރެއްކަން ވަނީ ކަށަވަރުވެފައެވެ.

މީގެއިތުރުން، އެ ގޯޅިގަނޑު ތެރޭގައި ސައިކަލު ޕާކުކޮށްފައި ހުރި ސަރަހައްދު ފުލުހުން އިތުރަށް ބަލައިފާސްކުރިއިރު، އެ ސަރަހައްދުގެ ކާނުގަނޑެއްގެ ތެރެއަށް ސައިކަލުގެ އަސްލު ނަންބަރު ބޯޑު އެއްލާލާފައި އޮއްވާ ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އެ ސައިކަލު ވަނީ ޓޯކޮށްފައެވެ. އަދި ސައިކަލު ވަގަށް ނެގުމަށް ބޭނުންކުރި ކަމަށް ބެލެވޭ ތަޅުދަނޑިއާއި، ކާނުގަނޑު ތެރެއިން ފެނުނު އަސްލު ނަންބަރު ބޯޑު މިހާރު ވަނީ ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450