Ads by Farudhun

ޚަބަރު

ސަރުކާރުގެ އަމާޒަކީ 2029 ވަނަ އަހަރުގެ ނިޔަލަށް އިސްލާމީ ދާއިރާއިން މާލީ މިނިވަންކަން ހޯދުން

ސަރުކާރުގެ އަމާޒަކީ 2029 ވަނަ އަހަރުގެ ނިޔަލަށް އިސްލާމީ ދާއިރާއިން މާލީ މިނިވަންކަން ހޯދުން

އިސްލާމީ ކަންތައްތަކާއި އަޢުޤާފާ ބެހޭ ވުޒާރާ...

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

17 އޮކްޓޯބަރު 2026، 09:53

17 އޮކްޓޯބަރު 2026، 09:53

ދިވެހިރާއްޖޭގެ އިސްލާމީ ދާއިރާ އިތުރަށް ތަރައްޤީކޮށް، މާލީ ގޮތުން އަމިއްލަ ފުދުންތެރިކަން ލިބިގެންވާ ދާއިރާއަކަށް ހެދުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށްވާއިރު، މި ސިޔާސަތު ޙަޤީޤަތަކަށް ހެދުމަށް ޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، 2029 ވަނަ އަހަރުގެ ނިޔަލަށް އިސްލާމީ ދާއިރާއަކީ މާލީ ގޮތުން ފުރިހަމަ މިނިވަންކަން ލިބިފައިވާ ދާއިރާއަކަށް ވެގެންދާނެކަމުގެ އުންމީދު ބޮޑު ކަމަށް އިސްލާމީ ކަންތައްތަކާއި އަޢުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ކުރިއަށްދާ ވަޤުފު މަޝްރޫޢުތަކާއެކު 2029 ވަނަ އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ތަސައްވުރު ޙާޞިލުކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތެވެ. އެ މުއައްސަސާއިން އަންދާޒާކުރާ ގޮތުގައި، އިސްތިރާޖީ ވަޤުފު އިންވެސްޓްމަންޓްތަކާއި ޒަކާތުގެ އާމްދަނީ މެދުވެރިކޮށް އަހަރަކު 250 މިލިއަން ރުފިޔާ ލިބިގެންދާނެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އާމްދަނީއާއެކު އެ މުއައްސަސާގެ ހިންގުމަށާއި އިސްލާމީ ދާއިރާ ކުރިއެރުވުމަށް ކުރެވޭ ޚަރަދުތައް ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ ހަމަޖެއްސޭނެ ކަމަށެވެ. އަދި މި އިންޤިލާބީ ބަދަލާއެކު، ކުރިއަށް އޮތް ތަނުގައި ދައުލަތުގެ ބަޖެޓުން އެ ވުޒާރާއަށް ކުރަންޖެހޭނީ ހަމައެކަނި މުވައްޒަފުންގެ މުސާރައިގެ ޚަރަދު އެކަނި ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބެހުމުގައި އަމަލުކުރާނީ އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން، ވަޤުފު އިންވެސްޓްމަންޓްތަކުން ލިބޭ އާމްދަނީ ޚަރަދުކުރެވޭނީ އެ ވަޤުފެއް ކަނޑައެޅިފައިވާ ޚާއްޞަ މަޤްޞަދުތަކަށް އެކަނި ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ހިންގާ ވަޤުފު މަޝްރޫޢުތަކުގެ ތެރެއިން 8 މަޝްރޫޢެއް 2028 ގެ ނިޔަލަށް ނިމޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިއީ އެ ވުޒާރާއަށް ދެމެހެއްޓެނިވި އަދި ހަރުދަނާ މާލީ ބިންގަލެއް ލިބިގެންދާނެ މަޝްރޫޢުތަކެކެވެ.

ސަރުކާރުން ކުރިއަށްގެންދަވާ މި މަސައްކަތަކީ އިސްލާމީ ދާއިރާގެ ޤާބިލުކަން ދުރުރާސްތާއަކަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އެގޮތުން، މިސްކިތް ބިނާކުރުމާއި މަރާމާތުކުރުމާއި އިސްލާމީ ތަޢުލީމާއި އިމާމުންނާއި ދީނީ ޢިލްމުވެރިންނަށް އެއްބާރުލުން ދިނުމާއި ޤުރުއާން ދަސްކޮށްދިނުމުގެ ޕްރޮގްރާމުތަކާއި ދީނީ އަދި މުޖުތަމަޢުގެ ތަރައްޤީއަށް ހިންގޭ އެހެނިހެން ދެމެހެއްޓެނިވި ކަންކަން މި މަސައްކަތުގެ ތެރޭގައި ހިމެނޭކަން އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

މިއީ މާލީ މިނިވަންކަމާއި، ވަޤުފު ދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީއަށް އަދި އަންނަން އޮތް ޖީލުތަކަށް އިސްލާމީ ޚިދުމަތުގެ ދާއިމީ ފައިދާ ފޯރުކޮށްދިނުމަށް އެޅުނު އިންޤިލާބީ ފިޔަވަޅެއް ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450