ޚަބަރު
މީދޫ ކައުންސިލުން މަސްވެރިކަމާ ބެހޭ ވުޒާރާއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
މީދޫ ކައުންސިލުން މަސްވެރިކަމާ ބެހޭ ވުޒާރާއެކު 3 އެއްބަސްވުމެއްގައި ސޮއިކުރުން. ފޮޓޯ: ދަނޑުވެރިކަމާއި ބެހޭ ވުޒާރާ
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި އެކު، އައްޑޫ މީދޫ ކައުންސިލުން މުހިންމު 3 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ވުޒާރާގެ ފަރާތުން ސޮއކުރެއްވީ، ސްޓޭޓް މިނިސްޓަރ އަޙްމަދު ހަސަން ދީދީއެވެ. އަދި މީދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލްގެ ރައީސް އަހުމަދު ޝާތިރެވެ.
ސޮއިކުރެއްވި 3 އެއްބަސްވުން:
- މީދޫގައި ކޮކޮނަޓް ޕެސްޓް ރިހެބިލިޓޝަން ލެބެއް ގާއިމް ކުރުމަށް ވެވުނު އެއްބަސްވުން
- މީދޫ ކައުންސިލަށް ގްރީންހައުސްތަކެއް ހަދިޔާކުރުމާގުޅޭ ގޮތުން ވެވުނު އެއްބަސްވުން
- މީދޫގައި އެގްރޮފޮރެސްޓްރީ ދަނޑެއް ޤާއިމު ކުރުމަށް ޓަކައި ދެ ފަރާތުން ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން ވެވުނު އެއްބަސްވުން
މީގެ ތެރެއިން، ކޮކޮނަޓް ޕެސްޓް ރިހިބިލިޓޭޝަން ލެބުގެ އެއްބަސްވުމުގެ ދަށުންނާއި، ގްރީންހައުސްތަކެއް ހަދިޔާކުރުމާއިގުޅޭ ގޮތުން ވެވުނު އެއްބަސްވުމުގެ ދަށުން، އެ ޚިދުމަތްތައް ޤާއިމުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި، ފަންނީ އެހީތެރިކަމުގެ އިތުރުން ތަމްރީނު ފޯރުކޮށްދިނުމުގައި ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ ފަރާތުން އެއްބާރުލުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެ ރަށުގައި އެގްރޮފޮރެސްޓްރީ ދަނޑެއް ޤާއިމު ކުރުމަށް ޓަކައި ބޭނުންވާ އެހީތެރިކަން ވެސް އެ ވުޒާރާގެ ފަރާތުން ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ.
މީގެ ކުރިން އެގްރޮފޮރެސްޓްރީ ދަނޑުތައް ގާއިމުކުރުމަށް ދިހަ ރަށަކާއިއެކު މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.