Ads by Farudhun

ޚަބަރު

އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ %77 މަސައްކަތް ނިންމައިފި

އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ %77 މަސައްކަތް ނިންމައިފި

އަރަބިއްޔާ ސްކޫލު އައު އިމާރާތް... ފޮޓޯ: އާރްސީސީ

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

17 އޮކްޓޯބަރު 2026، 11:22

17 އޮކްޓޯބަރު 2026، 11:22

މާލޭގައި އަލަށް އިމާރާތްކުރަމުން އަންނަ އަލް މަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް) ގެ އައު އިމާރާތުގެ 77 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މި މަޝްރޫއުގެ ކުރިޔަށް ގެންދާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ކުންފުނިން ވިދާޅުވެއްޖެއެވެ.

އިމާރާތުގެ މައިގަނޑު ކޮންސްޓްރަކްޝަން އަދި ފިނިޝިން މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ދާކަމަށް އާރްސީސީން ހާމަކުރެއެވެ. އެގޮތުން، ކޮންކްރީޓް، ރާނާ ސިމެންތި ޖެހުން، ވޯޓާޕްރޫފިން، ކުލަލުން، ދަގަނޑުގެ މަސައްކަތްތަކުގެ އިތުރުން އެމްއީޕީ (މެކޭނިކަލް، އިލެކްޓްރިކަލް އެންޑް ޕްލަމްބިން) އަދި އެޗްވީއޭސީ (އޭސީ ސިސްޓަމް) ގެ މުހިންމު މަސައްކަތްތައް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

މީގެއިތުރުން ދެން އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައި ވަނީ މުށި ޖެހުމާއި، ދޮރާއި ކުޑަދޮރުތައް ހަރުކުރުމާއި، ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތެވެ. އަދި އަލިފާން ނިއްވާ ނިޒާމާއި، ލިފްޓު އަދި ބޭރު ފާރުތަކުގައި ކްލެޑިން ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް އާރްސީސީން މައުލޫމާތުދެއެވެ.

އެ ކުންފުނިން ވިދާޅުވީ، މައިގަނޑު އަމާޒަކީ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ފެންވަރު ރަނގަޅު ތައުލީމީ މަރުކަޒެއް ވަގުތަށް ނިންމައި ސަރުކާރާ ހަވާލުކުރުން ކަމަށެވެ.

ޒަމާނީ ފެންވަރަށް ތަރައްގީކުރާ އަރަބިއްޔާ ސްކޫލުގެ އައު އިމާރާތަކީ 40 ކްލާސްރޫމުގެ ޖާގައިގެ އިމާރާތެކެވެ. މުޅި އިމާރާތް އެއްކޮށް އޭސީ ކުރުމަށް ނިންމާފައިވާއިރު، މި އިމާރާތުގައި އަންޑަގްރައުންޑް ޕާކިންގ ޒޯނެއް ވެސް ހިމެނޭނެއެވެ.

އަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި އަރަބި ބަހުން ތައުލީމު ދެވޭ މަރުކަޒަކަށް އެ ސްކޫލް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި، ޒަމާނީ އައު އިމާރާތެއް ބިނާކޮށް އެތަނަށް އެ ސްކޫލް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ''ދިވެހީންގެރާއްޖެ'' މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދުފުޅެކެވެ. ރައީސް ޑރ. މުއިއްޒު މީގެކުރިން ވިދާޅުވެފައިވަނީ އަންނަ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެންވާއިރަށް އަރަބިއްޔާގެ އާ އިމާރާތް ހުޅުވައި، އެތަނުގައި ކިޔަވައިދޭން ފެށުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ ކުރިން މި މަޝްރޫއު ހަވާލުކޮށްފައި އޮތް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށްފަހު، މި ސަރުކާރުން އާރްސީސީއާ މި މަސައްކަތް ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ގޮތަށް، 152،945،200.65 ރުފިޔާއަށެވެ.

މި މަޝްރޫގެ އަމަލީ މަސައްކަތް އާރުސީސީން ފަށާފައިވަނީ 2024 ވަނަ އަހަރު އޮކްޓޯބަރު 17 ގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450