Ads by Farudhun

ޚަބަރު

ފުލުސް އޮފިސަރުގެ ގައިގައި ސައިކަލުން ޖެއްސީ ގަސްތުގައިކަމަށް ބެލެވޭ: ސީޕީ

ފުލުސް އޮފިސަރުގެ ގައިގައި ސައިކަލުން ޖެއްސީ ގަސްތުގައިކަމަށް ބެލެވޭ: ސީޕީ

ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

17 އޮކްޓޯބަރު 2026، 12:13

17 އޮކްޓޯބަރު 2026، 12:13

ސިނަމާލެ ބްރިޖު ހައިވޭގައި ވެހިކަލް ޗެކްޕޮއިންޓެއްގައި ގާނޫނީ ވާޖިބު އަދާކުރަމުންދިޔަ ފުލުސް އޮފިސަރެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެއްސީ ގަސްތުގައި ކަމަށް ބެލެވޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ. 

ކޮމިޝަނަރ އޮފް ޕޮލިސް ނެރުއްވު ބަޔާނެއްގައި ވަނީ މި ނުރައްކާތެރި ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު ފަތިހު 04:29 އެހައިކަންހާއިރު، ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ކަމަށާއި، ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް ދަތް ބިނދި ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައި ކަމަށް ސީޕީ ވިދާޅުވިއެވެ. އެ ފުލުސް އޮފިސަރަށް އޭޑީކޭ ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

މި ހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށް ސީޕީ ވިދާޅުވިއެވެ.

ހާދިސާ ހިނގި ވަގުތު މިކަމުގައި އިތުރު 3 ސައިކަލެއް ބައިވެރިވެފައިވާކަން ވަނީ ފާހަގަކުރެވިފައި ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ހާދިސާ ހިނގާފައިވަނީ 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލު މަގުމަތީގައި ތިބި ފުލުހުންނާ ދިމާއަށް ބާރު ސްޕީޑްގައި ގޮސް މަގުމަތީގައި ފުލުހުން ޖަހާފައިވާ ބެރިކޭޑްގައި ޖައްސައި، އެއާ އެކު ގޮސް ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގާ ޖެހިގެން ކަމަށް ސީޕީގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ. 

މި އަމަލު ހިންގި ސައިކަލު ޓޯކޮށް އެ ސައިކަލް ގައި ތިބި ދެމީހުން މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި މިކަމުގައި ޝާމިލްވާ އިތުރު ދެމީހަކާއި ސައިކަލެއް ލޮކޭޓްކޮށް މިހާރު ވާނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މަގުމަތީގެ އަމަންއަމާންކަން ނަގާލައި، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އުޅަނދު ދުއްވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގައި ފުލުހުން ފަސްނުޖެހި ދެމިތިބޭނެ ކަމުގެ ޔަގީންކަން ސީޕީ ވަނީ ދެއްވާފައެވެ. އަދި ފުލުހުންނަށް އަމާޒުކޮށް ކުރިމަތިކުރުވާ މިފަދަ ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުންތަކަށް ފަސްނުޖެހި، ހާއްސަ އޮޕަރޭޝަން މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށާއި، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
މ

މުހަންމަދު އައްޔޫބު

17/10/2026 13:39

ފުލުނުންގެ ކަންތަކާ ހެދި މީހަކައް ސާކަލު ކާރު ދުއްވޭކައް ނޯވެ