ދުނިޔެ

ސީރިޔާގެ ދެކުނުގައި އިސްރާއީލުގެ އުދުވާން: އާންމުން ބޮޑު ބިރުވެރިކަމެއްގައި

ސީރިޔާގެ ދެކުނުގައި އިސްރާއީލުގެ އުދުވާން: އާންމުން ބޮޑު ބިރުވެރިކަމެއްގައި

ސީރިޔާގެ ރައްޔިތުންތަކެއް. ފޮޓޯ: އޭޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 އޮކްޓޯބަރު 2026، 03:30

17 އޮކްޓޯބަރު 2026، 03:30

ސީރިޔާގެ ދެކުނުގެ ސަރަހައްދުތަކުގައި އިސްރާއީލު ސިފައިން ހިންގަމުންދާ އަސްކަރީ ހަރަކާތްތަކާއި، ރަށްރަށަށް އަރައި އާންމުން ހައްޔަރުކުރުމުގެ އަމަލުތަކުގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުން ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ. އިސްރާއީލު ސިފައިން ވަގުތީ ޗެކްޕޮއިންޓުތައް ހަދައި އަދި ދަންވަރުގެ ވަގުތުތަކުގައި ގޭގެއަށް ވަދެ ހައްޔަރުކުރި ބައެއް މީހުން ވަނީ އިސްރާއީލުގެ ޖަލުތަކުގައި އެމީހުންނަށް ކުރިމަތިވި އަނިޔާތަކުގެ ވާހަކަ ހާމަކޮށްފައެވެ.

ހައްޔަރުކުރުމަށްފަހު ދޫކޮށްލި މީހުން ކިޔައިދިން ގޮތުގައި، އެއްވެސް ދަޢުވާއަކާ ނުލައި އެތައް ދުވަހެއް ވަންދެން އެމީހުން ބަންދުކޮށް، ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދީ ވަނީ ބޮޑެތި އަނިޔާތައް ކޮށްފައެވެ. އޭގެ ތެރޭގައި އަތްފައި ބަނދެ ތަޅައި އަނިޔާކުރުމާއި، ކުއްތާތައް ދޫކުރުމުގެ އިތުރުން ގަދަ އަޑުން ލަވަޖަހައިގެން ހިންގާ ނަފްސާނީ އަނިޔާތައް ހިމެނެއެވެ. އަލްޖަޒީރާއިން ކަށަވަރުކޮށްފައިވާ ގޮތުގައި ސީރިޔާގެ މަދުވެގެން 51 މީހަކު އަދިވެސް އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި އެބަތިއްބެވެ. މި މީހުން ފުރަތަމަ ބޭތިއްބީ އަސްކަރީ ޖަލެއް ކަމަށްވާ ސްދޭ ތެއިމާންގައި ނަމަވެސް، ފަހުން ވަނީ އޮފަރ، އަލްޖަލަމާ އަދި މެގިއްދޯ ފަދަ ޖަލުތަކަށް ބަދަލުކޮށްފައެވެ.

އިސްރާއީލު ސިފައިން ދަނީ ދަނޑުބިންތަކަށް ބަޑިއާއި ބޮން އަޅައި، ދަނޑުވެރިންނާއި ހުއިހައްޕާ މީހުންނަށް މަސައްކަތް ނުކުރެވޭ ގޮތް ހަދަމުންނެވެ. ސީރިޔާގައި އިސްރާއީލުގެ ހަރަކާތްތައް މޮނީޓަރކުރާ ސިޖިލް ސެންޓަރުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ދެ ޤައުމުގެ ދެމެދުގައި 1974 ގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ހިންގި 280 އަމަލެއް ސެޕްޓެމްބަރު މަހު އެކަނިވެސް ވަނީ ރެކޯޑުކުރެވިފައެވެ. މީގެ އިތުރުން، 2024 ގެ ޑިސެމްބަރު މަހު ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމާ ގުޅިގެން އިސްރާއީލުން ވަނީ ސީރިޔާގެ އިތުރު ބިންތަކަށް އަރައިގަނެ އަތްގަދަކޮށްފައެވެ.

އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖު (އަންޑޮފް) އިން އަލްޖަޒީރާއަށް މަޢުލޫމާތު ދިން ގޮތުގައި، އިސްރާއީލު ސިފައިން މަގުތައް ބަންދުކޮށް ޗެކްޕޮއިންޓުތައް ގާއިމުކުރުމުގެ ސަބަބުން އދ. ގެ ބާރުތަކަށް އެ ސަރަހައްދުގައި ޕެޓްރޯލްކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ. މި ހާލަތާ ގުޅިގެން އިސްރާއީލު އަސްކަރިއްޔާއިން ބުނަމުންދަނީ މި އަމަލުތަކަކީ ސަލާމަތީ ސަބަބުތަކަށްޓަކައި އަދި ދްރޫޒް ދަރިކޮޅުގެ މީހުންގެ ހިމާޔަތުގައި އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށެވެ. ނަމަވެސް ސީރިޔާގެ ސަރުކާރުން މި ވާހަކަތައް ދޮގުކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450