ޚަބަރު
"ދަނޑުވެރިކަމުގެ ކުރިމަގު" ގެ ނަމުގައި ހާއްސަ ފޯރަމެއް ބާއްވައިފި
މި ފޯރަމްގެ ތެރެއިން... ފޮޓޯ: ވުޒާރާ
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، "ދަނޑުވެރިކަމުގެ ކުރިމަގު" ގެ ނަމުގައި އައްޑޫ މީދޫގައި ޚާއްސަ ފޯރަމެއް ބާއްވާފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި ފޯރަމް ރަސްމީކޮށް ހުޅުވައިދެއްވީ އެ ވުޒާރާގެ ވަޒީރު އަޙްމަދު ޝިޔާމެވެ. މި ބައްދަލުވުމުގައި މީދޫގެ ދަނޑުވެރިންނާއި، ސ. އަތޮޅު މަދަރުސާގެ ދަރިވަރުންގެ އިތުރުން ގިނަ އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
ފޯރަމް ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވީ، މީދޫއަކީ ދަނޑުވެރިކަމުގެ ދާއިރާގައި ދިގު މާޒީއެއް އޮތް ރަށެއް ކަމަށެވެ. އަދި މިއަދު ފެންނަމުން މިދާ ޒަމާނީ ދަނޑުވެރިކަމާ ހަމައަށް ވާސިލުވުމަށްޓަކައި، އެ ރަށުގެ ދަނޑުވެރިން އަގުހުރި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މި މިނިސްޓްރީއާއި އައްޑޫ މީދޫ ކައުންސިލް ގުޅިގެން ކުރިއަށްގެންދިޔަ 'ދަނޑުވެރިކަމުގެ ކުރިމަގު ފޯރަމް 2026' ގައި ވަޒީރު އަޙްމަދު ޝިޔާމް ބައިވެރިވެވަޑައިގެންފި. #WorldFoodDay #FarmersDay2026 https://t.co/e1jwQTM55C
— Min of Fisheries, Agriculture and Ocean Resources (@MFAORmv) October 17, 2026
މި ފޯރަމްގެ ތެރެއިން، ސ. އަތޮޅު މަދަރުސާގެ ދަރިވަރުން ވަނީ ދަނޑުވެރިކަމާ ގުޅޭ އީޖާދީ އުފެއްދުންތަކާއި، މި ދާއިރާއާ މެދު އެކުދިން ދެކޭގޮތުގެ ޚިޔާލުތައް ޕްރެޒެންޓޭޝަނެއްގެ ސިފައިގައި ހުށަހަޅައިދީފައެވެ. މީގެ އިތުރުން، މި އުފެއްދުންތަކާ ބެހޭ މަޢުލޫމާތު އެ ދަރިވަރުން ވަނީ ޕީއެސްއެމް ނިއުސްއާވެސް ހިއްސާކޮށްފައެވެ.
މި ފޯރަމްގެ ހާއްސަ ބައެއްގެ ގޮތުގައި، ދަނޑުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ޕެނަލްގައި، ދަނޑުވެރިކަމުގެ ދާއިރާއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، މި ސިނާއަތް އިތުރަށް ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅުތަކާ ގުޅޭގޮތުން މުހިންމު ޚިޔާލުތަކެއް ވަނީ ބަދަލުކުރެވިފައެވެ.