Ads by Farudhun

ޚަބަރު

ސެޕްޓެމްބަރު މަހު އެމްޕީއެލުން 7،300 އަށްވުރެ ގިނަ ކޮންސައިންމަންޓް ކްލިއާކޮށްފި

ސެޕްޓެމްބަރު މަހު އެމްޕީއެލުން 7،300 އަށްވުރެ ގިނަ ކޮންސައިންމަންޓް ކްލިއާކޮށްފި

އެމްޕީއެލް ސަރަހައްދުގައި މުދާ ކްލިއަރ ކުރުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: އެމްޕީއެލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 އޮކްޓޯބަރު 2026، 03:58

17 އޮކްޓޯބަރު 2026، 03:58

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 7،300 އަށްވުރެ ގިނަ ކޮންސައިންމަންޓުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްޕީއެލް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ސެޕްޓެމްބަރު މަހު ޖުމްލަ 7،340 ކޮންސައިންމަންޓް މުދާ ވަނީ ކްލިއާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 5،673 ކޮންޓެއިނާ ކޮންސައިންމަންޓާއި 1،667 ކޮންވެންޝަނަލް ކޮންސައިންމަންޓެވެ. މި މުއްދަތުގައި އެ ކުންފުނިން ވަނީ ޖުމްލަ 178،197 ޓަނުގެ މުދާ ކްލިއާކޮށްފައެވެ.

ކާގޯ ކްލިއަރެންސްގެ މަސައްކަތްތަކުގެ ތެރެއިން އަވަހަށް ހަލާކުވާ ބާވަތްތައް ނުވަތަ ޕެރިޝަބަލް މުދަލުގެ ގޮތުގައި އެންމެ ގިނައިން ކްލިއާކޮށްފައިވަނީ ބިހެވެ. އެގޮތުން 77،595 ޕެކޭޖުގެ ބިސް ކްލިއާކޮށްފައިވާއިރު، އޭގެ އިތުރުން 41،122 ޕެކޭޖުގެ ފިޔާ، 39،582 ޕެކޭޖުގެ ކަރާ، 23،610 ޕެކޭޖުގެ އަލުވި އަދި 17،102 ޕެކޭޖުގެ ޓޮމާޓޯ ވަނީ ކްލިއާކޮށްފައެވެ. އަދި ދޮންކެޔޮ، ކެބެޖު، އަލަނާސި، ބަރަބޯ އަދި ބަށި ފަދަ ކާބޯތަކެތީގެ ގިނަ ބާވަތްތަކެއްވެސް ވަނީ އެތެރެކޮށްފައެވެ.

ޕޯޓު އޮޕަރޭޝަންސްގެ ހިސާބުތަކަށް ބަލާއިރު، އަންލޯޑް ކުރެވުނު ޓީއީޔޫގެ އަދަދަކީ 7،139 އެވެ. އަދި 7،386 ޓީއީޔޫ ލޯޑްކޮށްފައިވާއިރު، ޖުމްލަ ތްރޫޕުޓް ޓީއީޔޫގެ ގޮތުގައި 14،525 ރެކޯޑުކުރެވިފައިވެއެވެ. މީގެއިތުރުން ފާއިތުވި މަހު މާލޭ ވިޔަފާރި ބަނދަރަށް މުދާ ހިފައިގެން 26 ކާގޯ އުޅަނދަކާއި 14 ކޮންޓެއިނާ ބޯޓު ވަނީ ބަނދަރުކޮށްފައެވެ.

އެމްޕީއެލް އިން ބުނީ ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ކުންފުނީގެ އޮޕަރޭޝަންސް ޓީމުތަކުން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450