ޚަބަރު
ޔޫއޭއީއިން ޑީޕޯޓްކުރި ދެ ޕައިލެޓުންގެ ބަޔާން ނެގުމަށްފަހު އާއިލާއާ ހަވާލުކޮށްފި
ޕޮލިސް ހެޑްކުއާޓާސް. ފޮޓޯ:ސަން
ފްލައިދުބާއީގެ ފްލައިޓެއްގެ ކޮކްޕިޓް ތެރޭގައި ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ހިފެހެއްޓުމަށްފަހު ރާއްޖެ ޑީޕޯޓްކޮށްލި ދިވެހި ދެ ޕައިލެޓުންގެ ބަޔާން ނެގުމަށްފަހު، އެ މީހުން އާއިލާއާ ހަވާލުކޮށްފިއެވެ.
ޔޫއޭއީއިން ޑީޕޯޓްކޮށްލުމާ ގުޅިގެން އިއްޔެ ރާއްޖެ އައި އެ ދެ ޕައިލެޓުން ރޭގެ ވަގުތެއްގައި ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިޔާމް "އެމްއެމްޓީވީ" އަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި މި މައްސަލައިގައި ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ ދެ މީހުން ދޫކޮށްލާފައިވާ ކަމަށާއި، އެމީހުންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ވެސް ތަރުޖަމާން ވިދާޅުވިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު، ދުބާއީން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ ބޮއިންގ 737 މެކްސް 8 މަރުކާގެ މަތިންދާބޯޓެއްގައެވެ. އެ ބޯޓު ސައޫދީ އަރަބިއްޔާގެ ވައިގެ ސަރަހައްދުން 30،000 ފޫޓު މަތިން އުދުހެމުން ދަނިކޮށް، ދަތުރަށް ދެ ގަޑިއިރާއި ބައި ވީތަނާ ކޮކްޕިޓް ތެރޭގައި ވަނީ ކުއްލި ހަމަނުޖެހުމެއް ހިނގާފައެވެ.
އިސްރާއީލުގެ އޮފިޝަލުންނާއި ފަސިންޖަރުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ކޮކްޕިޓް ތެރޭގައި ކެޕްޓަނާއި އޭނާގެ ފަސްޓް އޮފިސަރު (ކޯ-ޕައިލެޓް) އާ ދެމެދު ވަރުގަދަ ކުރިމަތިލުމެއް ހިނގައި، ކޯ-ޕައިލެޓް ވަނީ ކެޕްޓަނަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައެވެ. މި ހަމަނުޖެހުމާ ގުޅިގެން ހެނދުނު 9:21 ހާއިރު ބޯޓު ކުއްލިއަކަށް ތިރިއަށް ވެއްޓެން ފެށިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ބޯޓު އެތައް ހާސް ފޫޓެއް ތިރިއަށް ވެއްޓި، އަލުން މައްޗަށް އެރުމަށްފަހު އަނެއްކާވެސް ތިރިއަށް ވެއްޓި، ޖުމްލަ 20،000 އަށް ވުރެ ގިނަ ފޫޓު ތިރިއަށް ވެއްޓުނު ކަމަށް ފްލައިޓް ޓްރެކިންގ ޑޭޓާތަކުން ދައްކައެވެ.
މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ޔޫއޭއީގެ ކަމާގުޅޭ އިދާރާތަކުން ފެށި ވަރުގަދަ ތަހުގީގުގެ ތެރެއިން، އެ އެއާލައިންގައި މަސައްކަތް ކުރާ ދިވެހި ދެ ޕައިލެޓަކާ ސުވާލުކުރަން ފެށިއެވެ. އަދި މި މައްސަލައިގައި ޔޫއޭއީގެ އިސް ވެރިންނާ ރާއްޖޭގެ އެމްބަސީން ވެސް މަޝްވަރާތަކެއް ކުރިއަށްގެންގޮސްފައިވެއެވެ.