ޚަބަރު
އެކްޓިވިސްޓުންނަށް އަނިޔާކުރި މައްސަލައިގައި އިސްރާއީލުގެ ޑިފެންސް މިނިސްޓަރުގެ މައްސަލަ އިޓަލީން ބަލަނީ
ފްލޮޓިއްލާގެ އެކްޓިވިސްޓުން ތަކެއް. ފޮޓޯ: ޑަބްލިޔު ޕީ
ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރި އުޅަނދުތަކުން ހައްޔަރުކުރި އެކްޓިވިސްޓުންނަށް ޖިންސީ ގޯނާއާއި އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ހިމެނޭހެން އަސްކަރިއްޔާއާއި ފުލުހުން އަދި ޖަލުތަކުގެ އިސް 12 އޮފިޝަލެއްގެ މައްސަލަ އިޓަލީގެ ޕްރޮސެކިއުޓަރުން ބަލަން ފަށައިފިއެވެ. މި މައްސަލައިގެ ތަޙުޤީޤު ފުޅާކޮށްފައި މިވަނީ މީގެ ކުރިން އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރަށް އަމާޒުކޮށް ހިންގަމުންދިޔަ ތަޙުޤީޤުގެ ތެރެއިންނެވެ.
ރޯމްގެ ޕްރޮސެކިއުޓަރުންގެ އޮފީހުން ބުނި ގޮތުގައި، މި މައްސަލައަކީ 2025 އަދި 2026 ވަނަ އަހަރު ޣައްޒާއަށް ދަތުރުކުރި އެކްޓިވިސްޓުންގެ އުޅަނދުތަކަށް އިސްރާއީލުގެ ސިފައިން އަރައި ހިންގި ލާއިންސާނީ އަމަލުތަކާ ގުޅިގެން ބަލާ މައްސަލައެކެވެ. މީގެ ތެރޭގައި މީހުން ރަހީނުކުރުމާއި، އަނިޔާކުރުމާއި، ޖިސްމާނީ އަނިޔާ ދިނުމާއި، ފޭރުމުގެ އިތުރުން މުދަލަށް ގެއްލުންދިނުމުގެ ތުހުމަތުތައް ހިމެނެއެވެ. މި ތަޙުޤީޤު ފަށާފައިވަނީ "ގްލޯބަލް ސުމޫދު ފްލޮޓިލާ" ގެ ދެ މިޝަނުގެ ތެރެއިން ހައްޔަރުކުރި އިޓަލީގެ 50 ރައްޔިތަކު ހުށަހެޅި ޝަކުވާތަކާ ގުޅިގެންނެވެ.
ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރޭގައި އިސްރާއީލުގެ އަސްކަރިއްޔާގެ ވެރިޔާ އިޔާލް ޒާމިރު ވެސް ހިމެނެއެވެ. ޕްރޮސެކިއުޓަރުން ބުނި ގޮތުގައި 2025 ވަނަ އަހަރު ހިންގި ފުރަތަމަ މިޝަނުން ހައްޔަރުކުރި ފަރާތްތަކުން ވަނީ އެމީހުންނަށް ތަޅައި އަނިޔާކުރުމާއި، މަރާލާނެ ކަމުގެ އިންޒާރު ދިނުމާއި، ފުރައްސާރަކުރުމުގެ އިތުރުން ޓެރަރިޒަމްގެ ތުހުމަތު އެޅުވި ކަމަށް ބުނެފައެވެ. އަދި 2026 ގެ ދެވަނަ މިޝަނުން ހައްޔަރުކުރި ފަރާތްތަކަށް މިއަށްވުރެ ބޮޑެތި އަނިޔާތައް ކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ކަނުއަނދިރީގައި ތެޅުމާއި، ޓޭޒަރާއި ރަބަރު ވަޒަން ބޭނުންކޮށްގެން ހަމަލާދިނުން ހިމެނޭ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން ރޭޕް ކުރުން ހިމެނޭހެން ޖިންސީ ގޯނާގެ މަދުވެގެން 15 މައްސަލައެއް ހިނގާފައިވާ ކަމަށް އެކްޓިވިސްޓުން ވަނީ ބަޔާންކޮށްފައެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އިޓަލީގެ އިޤްތިޞާދީ މާހިރެއް ކަމަށްވާ ލޫކާ ޕޮގީ މެއި މަހު ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެމީހުން ބަރަހަނާކޮށް، ބިމަށް ވައްޓާލައި ކޮޅުފައިން ޖަހައި އަނިޔާކުރި ކަމަށެވެ. ނަމަވެސް މި މައްސަލައިގެ ތަޙުޤީޤާ ގުޅިގެން ބެން-ގްވީރު ޖޫން މަހު ބުނެފައިވަނީ އޭނާ އަބަދުވެސް ހުންނާނީ އިސްރާއީލު ސިފައިންނާއެކު ފަޚުރުވެރިކަމާއެކު ކަމަށެވެ.
ޣައްޒާގެ ބަންދު އުވާލައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ފުރަތަމަ ގްލޯބަލް ސުމޫދު ފްލޮޓިލާ ދަތުރު ފެށީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބާސެލޯނާއިންނެވެ. އެ ދަތުރުގައި 42 އުޅަނދަކުން 462 އެކްޓިވިސްޓުން ބައިވެރިވިއެވެ. ނަމަވެސް އެ އަހަރުގެ އޮކްޓޫބަރު މަހުގެ ކުރީކޮޅު ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުން އިސްރާއީލު ސިފައިން ވަނީ އެ އުޅަނދުތައް ހުއްޓުވައި، އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށް ޑީޕޯޓްކޮށްފައެވެ.
ދެވަނަ މިޝަން 2026 ވަނަ އަހަރުގެ އޭޕްރީލް މަހު ބާސެލޯނާއިން ފުރިއިރު، އެޕްރީލް 30 އިން ފެށިގެން ގްރީސްގެ ކްރީޓް ކައިރިންނާއި ސައިޕްރަސް ކައިރިން ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި އިސްރާއީލު ސިފައިން ވަނީ ގާތްގަނޑަކަށް 50 އުޅަނދަކުން 430 އެއްހާ މީހުން ހައްޔަރުކޮށްފައެވެ. އޭގެ ފަހުން އަޝްދޯދުގެ ބަނދަރުގައި ހަދާފައިވާ ވަގުތީ ޖަލެއްގައި، ކޭބަލް ޓައީ އަޅުވައި ކަކޫމައްޗަށް ތިރިކޮށްފައި ތިބި އެކްޓިވިސްޓުންނަށް ފުރައްސާރަކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ބެން-ގްވީރު ވަނީ އާންމުކޮށްފައެވެ.
ހިނގައިދިޔަ ކަންކަން ސާފުކޮށް ފަރުދީ ޒިންމާތައް ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އިޓަލީގެ ޕްރޮސެކިއުޓަރުން ޖޫން މަހު އިސްރާއީލުގެ އެހީތެރިކަމަށް އެދިފައިވީ ނަމަވެސް، އިސްރާއީލުން ޖަވާބެއް ދިން ކަމެއް އަދި ސާފެއް ނޫނެވެ. ވިލާތުގެ އެހެން ޤައުމުތަކުގައި ވެސް މިފަދަ ތަޙުޤީޤުތައް ކުރިއަށްދާތީ، ޔޫރަޕިއަން ޔޫނިއަންގެ ޖުޑީޝަލް ކޯޕަރޭޝަން އެޖެންސީ (ޔޫރޯޖަސްޓް) މެދުވެރިކޮށް ވެސް މަޝްވަރާތައް ވަނީ ބާއްވާފައެވެ. އިޓަލީގެ ޤާނޫނު ބުނާ ގޮތުން އެ ޤައުމުން ބޭރުގައި އެ ޤައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖިނާއީ ކުށްތައް ރޯމްގައި ބެލުމުގެ އިޚްތިޞާޞް ލިބިގެންވެއެވެ. ތަޙުޤީޤުން އެކަށީގެންވާ ހެކި ލިބިއްޖެނަމަ، ޕްރޮސެކިއުޓަރުން ރަސްމީކޮށް ޝަރީއަތް ހިންގުމަށް އެދޭނެއެވެ.