ޚަބަރު
ކަނޑު އަޑީގައި ފެން އުފައްދާ ނިޒާމެއް ގާއިމުކުރުމުގެ އަމަލީ ދިރާސާއެއް ފަށައިފި
ކަނޑު އަޑީގައި ފެން އުފައްދާ ނިޒާމެއް ގާއިމުކުރުމުގެ އަމަލީ ދިރާސާގެ މަސައްކަތް. ފޮޓޯ: އެމްޑަބްލިޔުއެސްސީ
މާލެ ސަރަހައްދުގައި ކަނޑު އަޑީގައި ފެން އުފައްދާ ނިޒާމެއް ގާއިމުކުރުމުގެ އަމަލީ ދިރާސާތައް ސަރުކާރުގެ ފެން ކުންފުނި، މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔޫއެސްސީ) އިން ފަށައިފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ 2040 ވަނަ އަހަރަށް ތަރައްގީވެފައިވާ ރާއްޖެއެއް ބިނާކުރުމުގެ ތަސައްވުރަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެކެވެ.
އެމްޑަބްލިޔޫއެސްސީން ބުނީ، ގައުމީ ފެނުގެ ރައްކާތެރިކަން ކަށަވަރުކޮށް، މަސައްކަތުގެ ހިންގުން ހަރުދަނާކުރުމާއެކު ދެމެހެއްޓެނިވި އުމްރާނީ ތަރައްގީ ކުރިއެރުވުމަށްޓަކައި އެންމެ ފަހުގެ އީޖާދީ ކަނޑުއަޑީގެ ފެން އުފައްދާ ޓެކްނޮލޮޖީ (ސަބްސީ ޑީސެލިނޭޝަން) ބޭނުންކުރެވިދާނެ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ.
މިހާރު ކުރިއަށްދާ ފީސިބިލިޓީ ސްޓަޑީގެ ބައެއްގެ ގޮތުން ފްލޯޝަންގެ ޓެކްނިކަލް ޓީމުން ވަނީ ކަނޑުގެ 500 މީޓަރު އަޑިން ފެން ސާމްޕަލް ނަގާފައެވެ. ފުރަތަމަ މުއާޔަނާއިން ދައްކާ ގޮތުގައި މިއީ އާދަޔާ ހިލާފަށް ސާފު ފެނެކެވެ. އަދި ލެބޯޓްރީ ތަހުލީލުތަކުން ކަށަވަރުކުރެވޭ ގޮތެއްގެ މަތިން، މިއީ ފެން އުފެއްދުމަށް ބޭނުންކުރެވޭނެ އެންމެ މަތީ ފެންވަރުގެ ތަބީއީ ފެން މަސްދަރުތަކުގެ ތެރޭގައި ހިމެނޭނެ ފެނެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ފްލޯޝަންގެ އީޖާދީ ޓެކްނޮލޮޖީއަކީ ކަނޑުގެ ތަބީޢީ ހައިޑްރޯސްޓެޓިކް ޕްރެޝަރު ބޭނުންކޮށްގެން ރިވާސް އޮސްމޯސިސް ކުރިއަށްދާ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. މީގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު %40 އާއި %50 އާ ދެމެދުގެ މިންވަރަކަށް ދަށްކުރެވި، ކެމިކަލް ބޭނުންކުރަންޖެހޭ މިންވަރު ކުޑަކުރެވިގެންދާނެއެވެ. އަދި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައްވެސް ބޮޑުތަނުން ކުޑަކުރެވޭނެއެވެ.
މި ދިރާސާއިން ލިބޭ ނަތީޖާތަކުގެ އަލީގައި، މިއީ ޓެކްނިކަލް ގޮތުންނާއި ވިޔަފާރީގެ ގޮތުން އެކަށީގެންވާ ޓެކްނޮލޮޖީއެއްތޯ އެމްޑަބްލިޔޫއެސްސީން ވަޒަންކުރާނެއެވެ. މިއީ ރާއްޖެއަށް އުފެއްދުންތެރި، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ފެނުގެ އުމްރާނީ ވަސީލަތްތަކެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން ވެފައިވާ ދިގުމުއްދަތުގެ އިލްތިޒާމަށް ލިބޭނެ ބޮޑު ބާރެއް ކަމަށް އެމްޑަބްލިޔޫއެސްސީން ފާހަގަކުރެއެވެ.