ޚަބަރު
އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖްގެ 65 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެ
އައިޕީސީސީގެ ބައްދަލު ވުމުގެ ތެރެއިން. ފޮޓޯ: ވުޒާރާ
އދ. ގެ މައި ޖަމްއިއްޔާއެއް ކަމަށްވާ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) ގެ 65 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރަން ފަށައިފިއެވެ.
e މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ އެވެ.
މި ސެޝަނުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ އައިޕީސީސީގެ ހަތްވަނަ އެސެސްމަންޓް ރިޕޯޓް (އޭއާރް7) އެކުލަވައިލުމުގައި ހިއްސާވާ ތިން ވާކިން ގްރޫޕުގެ މަސައްކަތުގެ ތާވަލުތަކާއި މަސައްކަތުގެ ޕްލޭންތައް ކަނޑައެޅުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން ބަޖެޓް މުރާޖައާކުރުމާއި، އިދާރީ އަދި އިޖުރާއީ މުހިންމު ކަންކަމުގެ އިތުރުން، އައިޕީސީސީގެ މަސައްކަތްތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.
މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑުވަމުންދާ ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ދެނެގަތުމަށާއި، ހަރުދަނާ ފިޔަވަޅުތައް އެޅުމުގައި ސައިންޓިފިކް ދިރާސާތަކާއި އެސެސްމަންޓްތަކަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ރާއްޖެއިން އަބަދުވެސް ފާހަގަކުރެއެވެ.
އެގޮތުން ސައިންޓިފިކް މައުލޫމާތުތައް ކުރިއެރުވުމާއި، ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، ސައިންސީ ދިރާސާތަކުގެ އަލީގައި ސިޔާސަތުތައް އެކަށައެޅުމަކީ މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށާއި، ޖަޒީރާ މުޖުތަމައުތަކުގެ ނާޒުކުކަން ކުޑަކުރުމަށް ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ރާއްޖެއިން ދެކެއެވެ. އަދި މުޅި ދުނިޔޭގެ ފެންވަރުގައި އަޅާ މޫސުމީ ފިޔަވަޅުތަކަކީ އިތުބާރު ހުރި ސައިންސީ ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ކަންކަން ކަށަވަރުކުރުމަކީ ވެސް ރާއްޖެއިން މި ބައްދަލުވުމުގައި ބާރުއަޅާ މުހިންމު އަމާޒެކެވެ.