Ads by Farudhun

ޚަބަރު

ފުލުސް އޮފިސަރުގައިގާ ސައިކަލުން ޖެއްސި މީހުން ތިބީ މަސްތުގެ ޙާލަތުގައި

ފުލުސް އޮފިސަރުގައިގާ ސައިކަލުން ޖެއްސި މީހުން ތިބީ މަސްތުގެ ޙާލަތުގައި

ފުލުހުންގެ ކާރެއް ބްރިޖްގައި. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 އޮކްޓޯބަރު 2026، 09:38

17 އޮކްޓޯބަރު 2026، 09:38

ސިނާމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖައްސައި ސީރިއަސް އަނިޔާތަކެއް ދިން މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ޔޫރިން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކޯޓު އަމުރުން ހާމަވެއްޖެއެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އެންމެންގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު ގާތްގަނޑަކަށް 04:29 ހާއިރު، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައެވެ. ފުލުހުން ބުނި ގޮތުގައި ގަޑިއަކު 100 ކިލޯމީޓަރަށް ވުރެ ބާރު ސްޕީޑުގައި ދުއްވާފައި އައި އެ ސައިކަލު ވަނީ މަގުމަތީގައި ޖަހާފައި ހުރި ބެރިކޭޑުތަކުގައްޔާއި ވާޖިބު އަދާކުރަން ހުރި އޮފިސަރުގެ ގައިގައި ޖެހިފައެވެ. މި އެކްސިޑެންޓުގައި އެ އޮފިސަރުގެ އަނގަމަތި ފަޅައިގެން ގޮސް، ދަތްތައް ބިންދައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ 21 އަހަރުގެ ޒުވާނަކާއި، ކުޅުދުއްފުއްޓަށް ނިސްބަތްވާ 21 އަހަރުގެ ޒުވާނަކާއި، މާލެއަށް ނިސްބަތްވާ 21 އަހަރުގެ ޒުވާނެއްގެ އިތުރުން ކ. ގާފަރަށް ނިސްބަތްވާ 30 އަހަރުގެ މީހެކެވެ. މީގެ ތެރޭގައި ހިމެނެނީ ފުލުސް މީހާގެ ގައިގައި ޖެއްސި ސައިކަލުގައި ތިބި ދެ މީހުންނާއި، މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ދުއްވި އިތުރު ތިން ސައިކަލުގެ ތެރެއިން އެ އަމަލުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ އިތުރު ދެ މީހެކެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އެންމެންގެ ޔޫރިންގެ ވަގުތީ ނަތީޖާ ވަނީ މަސްތުވާތަކެއްޗަށް ފައްސިވެފައެވެ. އަދި އެ މީހުންގެ މައްޗަށް ތުހުމަތު ކުރަނީ މަސްތުގެ ހާލަތުގައި ތިބެ، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ ކުށެވެ.

މީގެ އިތުރުން، މި މައްސަލައިގައި ހިމެނޭ ތިން މީހަކު، އެކްސިޑެންޓުގައި އަނިޔާވި މީހަކު އޭޑީކޭ ހޮސްޕިޓަލުގައި އޮތް ކަމަށް ބުނެ އެތަނަށް ގޮސް އަޑުގަދަކޮށް، ހޮސްޕިޓަލުގެ މުވައްޒަފުންނާއި ފުލުހުންނާ ހަޑިހުތުރު ބަހުން މުއާމަލާތުކޮށް ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށް އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ފާހަގަކޮށްފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ވެއެވެ. މި މީހުންގެ ބަންދަށް 5 ދުވަސް ދީފައިވަނީ ވަކީލަކު އައްޔަން ކުރުމަށް ފުރުސަތަކަށް އެދުމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450