ޚަބަރު
ކާނާގެ ޔަޤީންކަން ކަށަވަރުކުރަން ކުރެވެންހުރި ހުރިހާ ކަމެއް ސަރުކާރުން ކުރާނެ: ޝިޔާމް
މަސްވެރިކަމާ ދަނޑުވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް
ކާނާގެ ޔަގީންކަން ކަށަވަރުކުރުމަކީ ގައުމުގެ ސަލާމަތާ ރައްކާތެރިކަމާވެސް ގުޅިފައިވާ ކަމެއް ކަމަށާއި، ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ސަރުކަރުން ކުރަމުން އަންނަ ކަމަށް، މަސްވެރިކަމާ ދަނޑުވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާލުވެއްޖެއެވެ.
ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި، އައްޑޫ މީދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ޖަލްސާގައި ވަޒީރު ވަނީ، ދަނޑުވެރިކަމަށް އައްޑު ސިޓީ މީދޫގެ ރައްޔިތުންގެ ވަރަށް ބޮޑު ތަސައްވުރެއް އެބައޮތް ކަމަށް ވިދާޅުވެފައެވެ.
ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، މީދޫގެ ދަނޑުވެރިންނާ ރަށުގެ ކައުންސިލާ ގުޅިގެން ރަށުގެ ދަނޑުވެރިކަން ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއަދު މީދޫގައި ދަނޑޫވެރިން ކުރަމުން އަންނަ ޒަމަނީ ދަނޑުވެރިކަމަކަށް ވާސިލުވުމައްޓަކާ ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ދިވެހިރާއްޖެއަކީ ބިން ކުޑަ ވަސީލަތްތައް މަދު ގައުމެއް ކަމަށެވެ. އަދި ދަނޑުވެރިކަން ކުރުމަށް އެންމެ އެކަށީގެންވާ ބިމާއި ވެލި ރާއްޖޭގައި ނެތްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ އެހެން ދާއިރާތައް ފަދައިން ދަނޑުވެރިކަމަކީ ވެސް ހަރަދުތަކެއް ކުރަންޖެހޭ ދާއިރާއެއް ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ އަމާޒަކީ ދަނޑުވެރިކަމުގެ ދާއިރާ ވެސް މިއަށްވުރެ ފުޅާކޮށް ރައްޔިތުންނަށް ފައިދާ ލިބޭ ދާއިރާއަކަށް ދަނޑުވެރިކަން ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް އައްޑު ސިޓީ މީދޫގައި ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ.
މީގެއިތުރުން ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަގައިވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ.