ޚަބަރު
ފަލަސްތީނުގެ ޙައްޤުގައި ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެކަމުގެ ޔަޤީންކަން ޚާރިޖީ ވަޒީރު ދެއްވައިފި
ޙާރިޖީ ވަޒީރު އިރުތިޝާމް އާދަމް--
ފަލަސްތީނުގެ މައްސަލައިގައި ދިވެހި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެކަމުގެ ޔަޤީންކަން އަރުވައި، ދުނިޔޭގެ މަސްރަހަށް ރިޢާޔަތްކޮށް، މެންބަރު ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ޙާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.
ވަޒީރު މިކަމަށް ގޮވާލެއްވީ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން އިރާޤުގެ ބަޤްދާދުގައި އިއްޔަ ބޭއްވި ޙާރިޖީ ވަޒީރުންގެ ކައުންސިލްގެ 52 ވަނަ ބައްދަލުވުމުގައި ތަޤްރީރުކުރައްވަމުންނެވެ.
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ދެއްވި ތަޤްރީރުގައި، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ހާއްސަކޮށް އިސްލާމީ އުއްމަތައް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށާއި މައްސަލަތަކުގައި ސުލްހަ ގާއިމްކުރުމަށް ޓަކައި ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކޮށް މަޝްވަރާތައް ކުރިއަށްގެންދިއުމުގެ މުހިންމުކަމަށް އަލިއަޅުވާލެއްވިއެވެ.
އަދި ދެމެހެއްޓެނިވި ތަރައްޤީއަށާއި ސުލަހައަށް، މުޖުތަމަޢުއެއްގެ ހުރިހާ ބައިތަކެއް ޝާމިލްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ، ދިވެހި ސަރުކާރުން މިކަން ހާސިލްކުރުމަށް ޓަކައި ކުރަމުން ގެންދާ ބައެއް މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ.
މި އަހަރަކީ ދިވެހިރާއްޖެއިން އޯ.އައި.ސީ. އާ ގުޅުނުތާ 50 އަހަރު ފުރުނު އަހަރަށް ވުމާއެކު، ދިވެހިރާއްޖެއިން އޯ.އައި.ސީ. އަދި މެންބަރު ގައުމުތަކާއެކު އިސްލާމީ އުއްމަތުގެ މަސްލަހަތު ކުރިއެރުވުމަށް އަބަދުވެސް މަސައްކަތްކުރާނެކަން ޚާރިޖީ ވަޒީރު އިރުތިޝާމް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މީގެ އިތުރުން ރާއްޖެއިން ފަލަސްތީނުގެ މައްސަލައިގައި ގެންގުޅޭ ސިޔާސަތުކަމުގައިވާ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ޤާއިމުކުރުމަށް ވަކާލާތުކުރުމުގައި ވެސް ރާއްޖެއިން އަބަދުވެސް ދެމިހުންނާނެކަމުގެ ޔަޤީންކަން ޙާރިޖީ ވަޒީރު އިރުތިޝާމް ދެއްވިއެވެ. އަދި މި މަޤްސަދު ހާސިލްކުރުމަށް އޯ.އައި.ސީ.ގެ ހުރިހާ މެންބަރު ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ވެސް ވަނީ ގޮވާލައްވާފައެވެ.
މި ބައްދަލުވުމުގެ ހަވާސާގައި، ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމް ވަނީ އެކި އޯ.އައި.ސީ. މެންބަރު ޤައުމުތަކުގެ ވަޒީރުންނާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި މި ޤައުމުތަކާއި ދިވެހިރާއްޖެއާ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ދާއިރާތުކުން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާ ކުރެއްވިއެވެ.
ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ މި ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް އޯ.އައި.ސީ.ގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުން އެއްތަނަކަށް އެއްވެ އިސްލާމީ އުއްމަތަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އަރިހުގައި، އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރު އަދި އެސިސްޓަންޓް ޑިރެކްޓަރ މުހައްމަދު ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ.