ޚަބަރު
އައްޑޫގައި "ވިލުންވެށި" ސްކޫލް ގާރޑަން ވޯކްޝޮޕެއް ބާއްވައިފި
މި ވޯކްޝޮޕްގެ ތެރެއިން..
ޤައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އީ.ސީ.އާރް.އެފް.އެސް މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ "ވިލުންވެށި" ސްކޫލް ގާރޑަން ޕްރޮގްރާމުގެ ޚާއްޞަ އޮރިއެންޓޭޝަން ވޯކްޝޮޕެއް އައްޑޫ ސިޓީގައި ބާއްވައިފިއެވެ.
އައްޑޫ ސިޓީގެ ދެ ސްކޫލަކަށް އަމާޒުކޮށްގެން ބޭއްވި މި މަސައްކަތު ބައްދަލުވުން ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު، އަޙްމަދު ޝިޔާމް އެވެ.
މި ވޯކްޝޮޕުގައި ސ. އަތޮޅު މަދަރުސާ އާއި ހިތަދޫ ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުން ބައިވެރިވެފައިވެއެވެ.
މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ސްކޫލް ގާރޑަން ޕްރޮގްރާމާ ގުޅޭގޮތުން ދަރިވަރުންނާއި ޓީޗަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ. މީގެއިތުރުން، ދަނޑުވެރިކަމުގެ އަމަލީ މަސައްކަތްތައް ކުރިއަށްގެންދާނެ އެންމެ ފުރިހަމަ ގޮތްތަކާއި، މި މަޝްރޫޢު ނިމުމަށްފަހުވެސް ދެމެހެއްޓެނިވި ގޮތެއްގައި ސްކޫލް ބަގީޗާތައް ބެލެހެއްޓޭނެ އިންތިޒާމުތައް ރޭވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.
ސްކޫލް މާޙައުލުން ފެށިގެން ދަރިވަރުންގެ ކިބައިގައި ދަނޑުވެރިކަމުގެ ހުނަރުތައް ތަރައްޤީކޮށް، މޫސުމީ ބަދަލުތަކަށް ހޭނިފައިވާ ދުޅަހެޔޮ މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި ސަރުކާރުން އިސްނަންގަވައިގެން ކުރިއަށްގެންދާ "ވިލުންވެށި" ސްކޫލް ގާރޑަން ޕްރޮގްރާމަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި ޕްރޮގްރާމް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރުވެސް ދަނީ ކުރަމުންނެވެ.