ޚަބަރު
ފައިސާ ނުދައްކާ ފަރާތްތަކުގެ ބޭންކިންގ ހިދުމަތްތައް އެސްއެމްއީ ޑިޖިޓަލްއިން ކަނޑާލަނީ
އެސްއެމްއީ ޑިޖިޓަލްގެ އޮފީސް
އެސްއެމްއީ ޑިޖިޓަލްއިން ދޫކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ބޭންކިންގ ހިދުމަތްތައް 1 ނޮވެމްބަރ 2026 އިން ފެށިގެން މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.
އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވީ، މިއީ އެ ކުންފުނީގެ ފެސިލިޓީތަކަށް ގަވާއިދުން ފައިސާ ދެއްކުމަށް ބާރުއެޅުމަށާއި، ކަސްޓަމަރުންގެ އެކައުންޓްތައް ބެލެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށެވެ.
އެހެންކަމުން، އެއްވެސް ކަހަލަ ހުރަހެއް ނެތި ހިދުމަތްތައް ބޭނުން ކުރުމަށް، ކަނޑައެޅިފައިވާ ތާރީހުގެ ކުރިން ފެސިލިޓީއަށް ފައިސާ ދައްކައި ހަލާސްކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ. ފައިސާ ނުދެއްކުމުގެ ސަބަބުން ހިދުމަތް މެދުކެނޑިއްޖެ ހާލަތެއްގައި، އެ މަހެއްގައި ދައްކަން ކަނޑައަޅާފައިވާ އަދަދު ދައްކައި ހަލާސްކުރުމުން އެއް ދުވަސް ތެރޭގައި އަލުން ހިދުމަތް ލިބޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވެއެވެ.
ކަސްޓަމަރުންގެ އެއްވެސް އޯވަޑިއުއެއް ވާނަމަ އަދި ފައިސާ ދެއްކުމަށް އެކަށީގެންވާ ވަގުތު ދިނުމަށާއި ހިދުމަތްތައް މެދުކެނޑިދާނެކަން ހަނދާންކޮށްދިނުމުގެ ގޮތުން، ތާވަލުކުރެވިފައިވާ އުސޫލުން އެސްއެމްއީ ޑިޖިޓަލްއިން ކަސްޓަމަރުންނަށް މެސެޖު ފޮނުވަމުން ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ވިދާޅުވެއެވެ.
މިކަމާއި ގުޅޭ އިތުރު މައުލޫމާތު ނުވަތަ އެހީތެރިކަން ހޯއްދެވުމަށް، އެސްއެމްއީ ޑިޖިޓަލްގެ 1613 އަށް ގުޅުއްވައިގެން ލިބޭނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.