ޚަބަރު
ސަޢީދުގެ ހަޅުތާލު ނިންމުމަކަށް: ވަޒީރު އިޙްސާންގެ ފަރާތްޕުޅުން ޙައްލެއްގެ ޔަޤީންކަން
މުޙައްމަދު ސަޢީދު--
އާންމު އުނދަގޫ ކުރާ މީހެއްގެ މައްސަލަ ދޮޅު އަހަރު ވެގެން ދިޔައިރު ވެސް ހައްލުނުވާ ކަމަށް ބުނެ، މާލޭގެ ހެންވޭރު ޕޮލިސް ސްޓޭޝަނުގައި މުޙައްމަދު ސަޢީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު 35 ގަޑިއިރަށްފަހު ނިންމާލައިފިއެވެ. އޭނާ މި ހަޅުތާލު ނިންމާލާފައިވަނީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އޭނާއާ ބައްދަލުކުރައްވައި މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވުމާ ގުޅިގެންނެވެ.
މުޙައްމަދު ސަޢީދު މީގެ ކުރިން ފޭސްބުކްގައި ހިއްސާކުރި މަޢުލޫމާތުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާ ދިރިއުޅޭ ސަރަހައްދުގައި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ ފަރާތުން އާންމުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުން އަންނަތާ ދޮޅު އަހަރު ވަނީ ވެފައެވެ. އޭގެ ސަބަބުން އޭނާއާއި އޭނާގެ އާއިލާގެ އިތުރުން، އެ ސަރަހައްދުގެ އަވަށްޓެރިންނަށާއި އެ މަގުތައް ބޭނުންކުރާ އެންމެންނަށް ވެސް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.
"ވަރަށް ބޮޑު އެޝުއަރެއްނސެއް މިނިސްޓަރ އިހުސާން ދެއްވި. އަދި ޕީޖީ ވެސް އަޅުގަނޑަށް ރޭގެ ވަރަށް ދަންވަގުތެއްގަ ވެސް އަދި މިއަދު ވެސް ގުޅުއްވާފަ މި ކަމާއިގެން ކުރިއަށްދާނެ ކަމުގެ ޔަގީންކަން އަޅުގަނޑާއި އާއިލާއަށް ދެއްވި. "
ސައީދު ބުންޏެވެ.
މީގެއިތުރުން ފުލުހުންގެ އިދާރާގައި ކުރިން ރަޖިސްޓްރީކޮށް ބަންދުކޮށްފައި ހުރި ބައެއް މައްސަލަތައް އަލުން ބައްލަވައިދެއްވާނެ ކަމަށް ވަޒީރު ވިދާޅުވި ކަމަށް ސަޢީދު ފާހަގަކުރިއެވެ. އަދި މީގެ ކުރިން ފުލުހަށް ހުށަހެޅި ނަމަވެސް ލޮގް ނުކުރެވި ހުރި މައްސަލަތައް ވެސް އަލުން ލޮގްކުރުމުގެ ފުރުސަތު ދެއްވި ކަމަށާއި، އެ މައްސަލަތައް އަލުން ހުށަހެޅުމަށްފަހު ހަޅުތާލު ނިންމާލީ ކަމަށް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ސަޢީދު ވަނީ މީޑިއާތަކަށާއި ސޯޝަލް މީޑިއާގައި މި މައްސަލަ ސަމާލުކަމަށް ގެނެސްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި ހަޅުތާލުގެ ވަގުތުގައި އޭނާއާއެކު ވަގުތު ހޭދަކުރައްވައި ހިތްވަރު ދެއްވި ކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރަށް ވެސް އޭނާ ވަނީ ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.