ޚަބަރު
ރަމަޟާން މަހުގެ ކުރިން ހުޅުމާލޭގައި އާ 3 މިސްކިތެއް ހުޅުވަނީ
ހުޅުމާލޭގައި ބިނާކުރަމުންދާ މިސްކިތެއް. ފޮޓޯ: އިސްލާމީ ވުޒާރާ
ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން ހުޅުމާލޭގައި އަލަށް އިމާރާތްކުރާ ތިން މިސްކިތެއް ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ. ޝަހީމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނަ ނިސްބަތަށް ބަލައި، ނަމާދުކުރާނެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި އެ ސަރަހައްދުގައި ބިނާކުރާ މިސްކިތްތަކުގެ މަސައްކަތްތައް އަވަހަށް ނިންމައި ޚިދުމަތް ދިނުމަށް ބާރަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން، ދީލަތި ފަރާތެއްގެ އެހީތެރިކަމާއެކު ހުޅުމާލޭގައި ބިނާކުރަމުންދާ "މަސްޖިދު މާޔާ" ގެ އަމަލީ މަސައްކަތްތައް ނިންމައި، އަންނަ ނޮވެންބަރު މަހުގެ ތެރޭގައި ރަސްމީކޮށް ހުޅުވުމަށް އަމާޒު ހިފާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހެޔޮއެދޭ ފަރާތަކުން ބިނާކުރާ "މަސްޖިދު ޢާއިޝާ (ރަޟިޔަﷲ ޢަންހާ)" އާއި، ދެވަނަ ފިޔަވަހީގެ "އަމާން އުދަރެސް" ސަރަހައްދުގައި އިމާރާތްކުރަމުންދާ މިސްކިތް ވެސް، އަންނަ ރަމަޟާން މަހުގެ ކުރިން އާންމުންނަށް ހުޅުވައިލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުރިއަށް އޮތް ރަމަޟާން މަހަށް ރާއްޖޭގެ އެކި ހިސާބުތަކުން 14 ވަރަކަށް މިސްކިތް ހުޅުވޭނެ ކަމަށް ވަޒީރު މީގެ ކުރިން ވެސް ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ދީނީ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި މިސްކިތްތަކާއެކު ހުޅުމާލޭގައި ދިމާވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.