Ads by Farudhun

ޚަބަރު

ސައިބަރ މައްސަލަތަކަށް ހައްލު ހޯދޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން: ސީޕީ

ސައިބަރ މައްސަލަތަކަށް ހައްލު ހޯދޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން: ސީޕީ

ކޮމިޝަނަރ އޮފް ޕޮލިސް...

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

18 އޮކްޓޯބަރު 2026، 03:10

18 އޮކްޓޯބަރު 2026، 03:10

ސައިބަރ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ކުރާ މަސައްކަތުން އެކަނި ހާސިލުކުރެވޭނެ ކަމެއް ނޫން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިފަދައިން ވިދާޅުވީ، ސައިބަރ ސެކިއުރިޓީ އެވެއާނަސް މަހާ ގުޅިގެން ދެއްވި ޚާއްސަ މެސެޖެއްގައެވެ.

ސީޕީގެ މެސެޖުގައި ވަނީ ސައިބަރ ކުށްތައް ހުއްޓުވުމަށާއި، މިފަދަ މައްސަލަތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ހޯދައި، ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ފުޅާކުރަމުންކަން ފާހަގަކުރައްވާފައެވެ.

ހަމައެއާއެކު، ރައްޔިތުން މިފަދަ ކަންކަމަށް ފާރަވެރިކުރުވައި، ޑިޖިޓަލް ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގަމުން ދާކަމަށްވެސް ސީޕީގެ މެސެޖުގައިވެއެވެ.

"އެހެންނަމަވެސް، ސައިބަރ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ކުރާ މަސައްކަތުން އެކަނި ހާސިލުކުރެވޭނެ ކަމެއް ނޫން. މިއީ މުޖުތަމައުގެ ކޮންމެ ފަރުދެއްގެވެސް އަދި ކޮންމެ މުއައްސަސާއެއްގެވެސް ހިއްސާއާއި ޒިންމާ އެކުލެވިގެން މެނުވީ ހަސީލު ނުކުރެވޭނެ ކަމެއް." 

ސީޕީ ވިދާޅުވިއެވެ.

ފަރުދީ ގޮތުން ބަލާއިރު، އެކައުންޓްތަކުގައި ވަރުގަދަ ޕާސްވޯޑާއި، "ޓޫ-ފެކްޓަރ އޮތެންޓިކޭޝަން" ބޭނުންކުރުމަށާއި، އޯ.ޓީ.ޕީ އާއި ޒާތީ މައުލޫމާތު އެއްވެސް އެހެން ފަރާތަކާ ހިއްސާނުކުރުމަށް ސީޕީ ވަނީ އެދިވަޑައިގެންފައެވެ.

އަދި އޮންލައިންކޮށް ފެންނަ ޚަބަރުތަކާއި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމެއްނެތި ފެތުރުމުން ދުރުހެލިވުމަށާއި، ކުށެއްގެ ޝިކާރައަކަށް ވެއްޖެނަމަ ނުވަތަ ޝައްކުކުރެވޭ ކަމެއް ފެނިއްޖެނަމަ، ލަސްނުކުރައްވައި ފުލުހުންގެ ޚިދުމަތަށް ރިޕޯޓްކުރެއްވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކާއި ވިޔަފާރިތަކުންވެސް ޑިޖިޓަލް ޑޭޓާގެ ރައްކާތެރިކަމަށް ހާއްސަ އިސްކަމެއް ދޭންޖެހެއެވެ. ޚިދުމަތް ދިނުމަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް އާންމުންގެ ޒާތީ މައުލޫމާތު އެއްނުކުރުމާއި، އެ މައުލޫމާތަކީ އަމާނާތެއްގެ ގޮތުގައި ބަލައިގަނެ ރައްކާތެރިކުރުމަކީ މުއައްސަސާތަކުގެ ޒިންމާއެއް ކަމަށެވެ.

މީގެއިތުރުން، އައި.ޓީ ނިޒާމުތައް އަބަދުވެސް ރައްކާތެރިކޮށް އަޕްޑޭޓްކުރުމާއި، މުވައްޒަފުންނަކީ ސައިބަރ ނުރައްކާތަކަށް ލޯހުޅުވިފައިވާ ބަޔަކަށް ހެދުމުގެ އިތުރުން، ސައިބަރ ހަމަލާއެއް ނުވަތަ ޑޭޓާ ބްރީޗެއް ކުރިމަތިވެއްޖެ ހާލަތުގައި، ވަގުތުން ފިޔަވަޅުއަޅައި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަކީ މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ކޮންމެހެން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށްވެސް ސީޕީގެ މެސެޖުގައިވެއެވެ.

"މިއަދު އަޅުގަނޑުމެންގެ މި ލޮބުވެތި ގައުމު މިވަނީ، ޓެކްނޮލޮޖީގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ. ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 85 އިންސައްތަ މީހުން އިންޓަރނެޓާއި ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަމުންދާއިރު، އަޅުގަނޑުމެންގެ މުޖުތަމައަކީ ޑިޖިޓަލް ގޮތުންވެސް ގުޅިލާމެހިފައިވާ މުޖުތަމައެއް. މި ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުމަށް އެތަކެއް ލުއިފަސޭހަކަމެއް ލިބިގެންދިޔަ ނަމަވެސް، އިންޓަރނެޓްގެ ޒަރީއާއިން ކުރިމަތިވާ ތަފާތު ނުރައްކާތައް ފެތުރިގެންދާ ދުވެލިވެސް މިވަނީ އެތައް ގުނައަކަށް ހަލުވިވެފަ. އޭގެ ނަތީޖާއެއްގެ ގޮތުން، ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކުގެ އިތުރުން ދައުލަތުގެ މުއައްސަސާތައްވެސް، ސައިބަރ ކުށްތަކުގެ ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު މިއަދު މިވަނީ އިންތިހާއަށް އިތުރުވެގެން ގޮސްފަ." 

ސީޕީ ވިދާޅުވިއެވެ.

ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތަކާއި، މާލީ މުއާމަލާތްތަކާއި، ވިޔަފާރިތަކުގެ އިތުރުން އަޅުގަނޑުމެންގެ ޒާތީ ދިރިއުޅުމުގެ ކަންކަން ޑިޖިޓަލް ވަމުންދާއިރު، މަކަރާއި ހީލަތުގެ މަޅީގައި ރައްޔިތުން ޖައްސައި، ކުށްކުރުމަށް ސައިބަރ ވެށީގައި ފަހިވާ ފުރުސަތުތައްވެސް މިދަނީ އިތުރުވަމުންކަން ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.

ސީޕީ ވިދާޅުވީ މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި އެކަނިވެސް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓްކޮށްފައިވާ ސައިބަރ ކުށުގެ މައްސަލަތަކުގެ އަދަދު، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނައަށް އިތުރުވެފައިވާ ކަމެވެ. މި މައްސަލަތަކުގެ ތެރެއިން 68 އިންސައްތައަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާފައިވާ ކުށްތައް ކަމަށާއި މީގެއިތުރުން، އާޓިފިޝަލް އިންޓެލިޖެންސް ފަދަ އަލަށް ތައާރަފުވަމުން އަންނަ ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސައްހަނޫން މެސެޖުތަކާއި، އަޑާއި، ވީޑިއޯ އުފައްދައި، ރައްޔިތުން މަޅީގައި ޖެއްސުމަށް ނުރައްކާތެރި އުކުޅުތައް ކުށްވެރިން ދަނީ ބޭނުންކުރަމުން ކަމަށްވެސް ސީޕީ ފާހަގަކުރެއްވިއެވެ.

މިފަދަ ކަންކަމަކީ ހަމައެކަނި ވަކިވަކި ފަރުދުންގެ މާލީ އަދި ޒާތީ ރައްކާތެރިކަމަށް އޮތް ގޮންޖެހުމެއް ނޫންކަން ފާހަގަކުރައްވާ ސީޕީ ވަނީ މިއީ މުއައްސަސާތަކުގެ އިތުބާރާއި، ގައުމުގެ އިގްތިސާދީ ހަރަކާތްތަކާއި، އަދި މުޅި ގައުމީ ސަލާމަތާ ސީދާ ގުޅިފައިވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

"ފުލުހުންގެ ޚިދުމަތަށް ހުށަހެޅޭ މިފަދަ މައްސަލަތަކަށް ނަޒަރު ހިންގާއިރު، މިއިން ކޮންމެ ކަމެއްގެވެސް ފާހަގަކުރެވެނީ، ހޭލުންތެރިކަން ކުޑަވުމާއި، ފަރުވާކުޑަ އަމަލެއްގެ ސަބަބުން ވެވޭ އިހުމާލެއް. ސައްހަކަން ކަށަވަރުނުވާ ލިންކުތަކަށް ފިތުމާއި، ޒާތީ މައުލޫމާތާއި ވަން-ޓައިމް ޕާސްވޯޑް ފަދަ ސިއްރު ކޯޑުތައް އެހެން ފަރާތްތަކާ ހިއްސާކުރުމާއި، އަދި އޮންލައިންކޮށް މުއާމަލާތްކުރާއިރު ކާކުކަން ކަށަވަރުނުކޮށް އިތުބާރުކުރުމަކީ، މިފަދަ ކުށްތަކުގައި ޖެހުމަށް ދިމާވާ މައިގަނޑު ސަބަބުތައް." 

ސީޕީ ވިދާޅުވިއެވެ

މި ހިނގާ އޮކްޓޫބަރު މަހުގެ ތެރޭގައި، ވެރިރަށް މާލެއާއި އަތޮޅުތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ހޭލުންތެރިކަމުގެ އެކި ހަރަކާތްތަކުގައި އާންމު ރައްޔިތުން ފުރިހަމައަށް ބައިވެރިވެވަޑައިގަތުމަށް ސީޕީ ވަނީ އެދިވަޑައިގެންފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450