ޚަބަރު
މުލީ ރީޖަނަލް ހޮސްޕިޓަލް މަޝްރޫޢު: ޓައި ބީމްތަކުގެ ދަގަނޑު ބަނުމުގެ މަސައްކަތް ފަށައިފި
މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު ޢިމާރާތުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު ޢިމާރާތުގެ މަސައްކަތުގެ ތެރެއިން، މިހާރު ކުރިއަށްދަނީ ފައުންޑޭޝަން ޓައި ބީމްތަކުގެ ދަގަނޑު ބަނުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން މިކަން ހާމަކުތރެއްވީ މި މަޝްރޫއުގެ އެންމެފަހުގެ އަދާހަމަ ހިއްސާކުރެއްވުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގެ ޒަރިއްޔާއިންނެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށިގެންދިޔައީ، މިދިޔަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
Project Update: Construction of M.Muli Regional Hospital New Building Foundation tie beam reinforcement work is currently ongoing at the project site. Follow more updates at: https://t.co/RjAFCf3rnI #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC https://t.co/bNqRZ0D5kp
— MTCC Plc (@MTCCPlc) October 18, 2026
މި މަޝްރޫއަކީ މުލަކަތޮޅުގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ 171 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެކެވެ. ޖުމްލަ 32,000 އަކަފޫޓަށްވުރެ ބޮޑު ސަރަހައްދެއްގައި ތަރައްޤީކުރާ މި ހޮސްޕިޓަލަކީ 4 ފަންގިފިލާގެ ޒަމާނީ އިމާރާތެކެވެ.
ހޮސްޕިޓަލްގެ އައު އިމާރާތުގައި ހިމެނޭނެ މައިގަނޑު ޚިދުމަތްތަކުގެ ތެރޭގައި:
- ކޮންސަލްޓޭޝަން ރޫމްތަކާއި އޮޕަރޭޝަން ތިއޭޓަރު
- އިމަޖެންސީ ރޫމް (އީ.އާރް) އަދި އެން.އައި.ސީ.ޔޫ
- ކުޑަކުދިންގެ ވޯޑާއި ޕްރައިވެޓް ރޫމްތައް
- ޑެންޓަލް، ފިޒިއޮތެރަޕީ އަދި ރޭޑިއޮލޮޖީގެ ޚިދުމަތް
- މީޓިންގ ރޫމްތަކާއި ކުޑަކުދިން ކުޅޭނެ ޚާއްސަ ސަރަޙައްދެއް
މީގެ އިތުރުން، އިދާރީ މަސައްކަތްތަކަށް ޚާއްސަ ވަކި އޮފީސް އިމާރާތެއްވެސް މި މަޝްރޫޢުގެ ދަށުން ބިނާކުރެވޭނެއެވެ.
މުލަކަތޮޅަކީ ގާތްގަނޑަކަށް 7,400 މީހުންގެ އާބާދީއެއް އޮތް އަތޮޅެކެވެ. މިހާރު އެ އަތޮޅުގެ ރައްޔިތުން ބަރޯސާވާ މުލީ ރީޖަނަލް ހޮސްޕިޓަލަކީ 30 އަހަރަށްވުރެ ގިނަ ދުވަސްވީ ބާ އިމާރާތެކެވެ. ވޭތުވެދިޔަ ދިގު މުއްދަތުގައި އެ ހޮސްޕިޓަލުގެ ތަރައްޤީއަށް އެދެވޭ މަސައްކަތްތަކެއް ކުރެވިފައި ނުވިނަމަވެސް، މި އައު އިމާރާތާއެކު މުޅި އަތޮޅުގެ ސިއްޙީ ޚިދުމަތަށް އިންގިލާބީ ބަދަލެއް އައިސް، ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.