ދުނިޔެ

އެމެރިކާ އިސްވެ އިސްރާއީލާއެކު ބާއްވާ ތިންފަރާތުގެ މަޝްވަރާތަކުގައި ލުބުނާނުން ބައިވެރިވާން ނިންމައިފި

އެމެރިކާ އިސްވެ އިސްރާއީލާއެކު ބާއްވާ ތިންފަރާތުގެ މަޝްވަރާތަކުގައި ލުބުނާނުން ބައިވެރިވާން ނިންމައިފި

ލުބްނާންގެ ސަރުކާރުގެ އިސްވެރިންގެ މަޝްވަރާ ބައްދަލުވުމެއްގެ ތެރެއިން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 އޮކްޓޯބަރު 2026، 04:04

18 އޮކްޓޯބަރު 2026، 04:04

އެމެރިކާ މެދުވެރިވެގެން ފްލޮރިޑާގެ ޓެމްޕާގައި މި މަހުގެ 20 ވަނަ ދުވަހު ބާއްވާ ތިންފަރާތުގެ މަޝްވަރާތަކުގައި ލުބުނާނާއި އިސްރާއީލުން ބައިވެރިވާނެ ކަމަށް ލުބުނާނުގެ ރައީސް ޖޯސެފް އަައުން ހޮނިހިރު ދުވަހު އިއުލާނުކުރައްވައިފިއެވެ. މި ބައްދަލުވުމަކީ ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުންތައް އަލުން ބަދަހިކުރުމަށް ފެށޭ އައު ބުރެކެވެ.

ލުބުނާނުގެ ރިޔާސީ އިދާރާއިން އެކްސްގައި އާންމުކުރި ބަޔާނެއްގައި ރައީސް އަައުން ވިދާޅުވީ، އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ބެއިރޫތުން އެދޭ ކަންކަން ހުށަހެޅުމަށާއި، ފްރޭމްވޯކް އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން ނަތީޖާއެއް ހާސިލުކުރުމަށްޓަކައި މި ބައްދަލުވުމުގައި އެ ގައުމުގެ އަސްކަރީ ވަފުދެއް ބައިވެރިވާނެ ކަމަށެވެ. މި ބަޔާން ނެރެފައިވަނީ ފްރާންސުގެ ފޮރިން މިނިސްޓަރު ޖޯން-ނޮއެލް ބަރޯޓް އިސްވެ ހުންނެވި ވަފުދަކާ ރައީސް އަައުން ބައްދަލުކުރެއްވުމަށް ފަހުގައެވެ.

ރައީސް އަައުން ވިދާޅުވީ ލުބުނާނުން ބޭނުންވަނީ ޔުނިފިލް (UNIFIL) ގެ މެންޑޭޓް އިތުރުކުރުމަށް ކަމަށާއި، ގައުމުގެ ދެކުނުގައި ބާރުގެ ހުސްކަމެއް އުފެދުނަ ނުދިނުމަށްޓަކައި ބައިނަލްއަގުވާމީ ފައުޖުތައް އެ ސަރަހައްދުގައި ދެމިތިބޭނެ ކޮންމެ އިންތިޒާމަކަށް ވެސް މަރުހަބާ ކިޔާ ކަމަށެވެ.

މި ބައްދަލުވުމުގައި ފްރާންސުގެ ފޮރިން މިނިސްޓަރު ބަރޯޓް ވަނީ ލުބުނާނާއެކު ފްރާންސް އޮތްކަން ހާމަކުރައްވައި، ހުރިހާ ދާއިރާއަކުން އެ ގައުމަށް އެއްބާރުލުން ދިނުމުގައި ދެމިއޮންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި ލުބުނާނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަސީލަތްތައް ހަމަޖެއްސުމަށް ތައްޔާރަށް އޮތްކަން ވެސް އޭނާ ތަކުރާރު ކުރެއްވިއެވެ.

އިސްރާއީލުގެ ސިފައިން ބޭލުމަށާއި ހިޒްބުﷲ ގެ ހަތިޔާރު އެޅުން ހުއްޓުވުމަށް މަގުފަހިކުރުމުގެ ގޮތުން އެމެރިކާ އިސްވެ ޖޫން މަހު އެކުލަވާލި ފްރޭމްވޯކް އެއްބަސްވުމަކަށް އަމަލުކުރަން ފެށި ނަމަވެސް، މާޗް މަހުގެ ކުރީކޮޅުން ފެށިގެން އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދެމުންދާ ނުރައްކާތެރި ހަމަލާތައް ހުއްޓުމެއް ނެތި އަދިވެސް ދަނީ ކުރިއަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450