ޚަބަރު
މެރީނާ މަޝްރޫއު ހިންގަނީ ޕީއެސްއައިޕީ އުސޫލުގެ ދަށުން: މިނިސްޓަރު މުއްތަލިބު
ވަޒީރު މުއްޠަލިބް. ފޮޓޯ: ރައީސް އޮފީސް
"މޯލްޑިވްސް މެރީނާ އެންޑް ވޯޓާ ފްރޮންޓް"ގެ ނަމުގައި ރަސްމާލޭގައި ބޮޑު މަޝްރޫއެއް ހިންގުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލްހިލްސް ކުންފުންޏާ އެކު ކުރިއަށް ދާން ނިންމީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅުއުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ފޮނުއްވި ސިޓީއަކަށް ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ 20 ބިލިއަން ޑޮލަރުގެ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މާލިއްޔަތު ގަވާއިދުގެ 10.22 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަމަށެވެ. އެއީ އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ މަޝްރޫއުތަކާ ގުޅޭ އުސޫލު (ޕީއެސްއައިޕީ އުސޫލު) ކަމަށާއި، މިއީ ރާއްޖޭގައި އާންމުކޮށް ވެސް އެކި މަޝްރޫއުތައް ހިންގުމުގައި ބޭނުންކުރާ ހަމައެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އީގަލްހިލްސްއަށް ރަސްމާލެއިން ބޮޑު ސަރަހައްދެއް 99 އަހަރަށް ދިނުމަށް ނިންމި ސަބަބާއި، އާންމު ބީލަމަކަށް ނުގޮސް ކުރިއަށް ގެންދިޔަ ސަބަބާ ގުޅޭގޮތުން މެންބަރު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު ސޮއިކޮށްފައިވާ ކޮމާޝަލް ޓާމްސް އެއްބަސްވުމުގެ މައިގަނޑު މާއްދާތަކުގެ ތަފްސީލު މިހާރު ވެސް އާންމުކޮށްފައިވާ ކަމަށެވެ.
އިންވެސްޓްމެންޓް ތާވަލާ ގުޅޭގޮތުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، އީގަލްހިލްސްއިން އިންވެސްޓްކުރާނެ ގޮތުގެ ތަފްސީލީ ތާވަލާއި، މަޝްރޫއު ނުނިމިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތްތައް ބަޔާންކުރާނީ ކުރިއަށް އޮތް މައިގަނޑު އެއްބަސްވުމުގައި ކަމަށެވެ. މީގެ އިތުރުން މި ބިޔަ މަޝްރޫއުގެ ސަބަބުން ރާއްޖެއަށް ލިބޭނެ މާލީ ބޮޑެތި މަންފާތަކާއި، އިގްތިސާދަށް އަންނާނެ ކުރިއެރުންތަކުގެ ލަފާކުރުންތައް ވެސް މިނިސްޓަރު ވަނީ ހިއްސާކުރައްވައިފަ އެވެ.