ޚަބަރު
މާރަންދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދަނީ
މާރަންދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ
ހއ. މާރަންދޫ ބަނދަރު އަޕްގްރޭޑްކޮށް ބޮޑުކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމުގެ އަމަލީ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 43.98 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 480 ދުވަހުގެ މުއްދަތެކެވެ. މާރަންދޫގެ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ޖުމްލަ 45,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއް އަލަށް ފުންކުރުމާއި، މެއިންޓެނަންސް ޑްރެޖިންގގެ ގޮތުގައި 9,248 ކިއުބިކް މީޓަރު އަދި ނެރު ފުންކުރުމުގެ ގޮތުގައި 1,657 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ކޮނުމަށެވެ. މަސައްކަތް ފެށުމުގެ ކުރިން ތިމާވެށްޓަށް ކުރާނެ އަސަރު ދެނެގަތުމަށް ފުރިހަމަ އީއައިއޭ ރިޕޯޓެއް ވެސް ވަނީ އެކުލަވާލާފައެވެ.

މަޝްރޫޢުގެ މައިގަނޑު ބައިތަކުގެ ތެރޭގައި 215 މީޓަރުގެ އައު އެއްގަމުތޮއްޓެއް ލުމާއި، މިހާރު ހުރި އެއްގަމުތޮށީގެ ތެރެއިން 194 މީޓަރުގެ ސަރަޙައްދެއް މަރާމާތުކުރުން ހިމެނެއެވެ. މީގެއިތުރުން ބަނދަރު ހިމާޔަތްކުރުމަށް 150 މީޓަރުގެ ބޭރުތޮއްޓަކާއި، 60 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ އިތުރުން 17 މީޓަރުގެ ގްރޮއިން ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބަނދަރުގެ ބޭނުން ހިފުމަށް ފަސޭހަކުރުމުގެ ގޮތުން 70 މީޓަރު ދިގު، 2 މީޓަރު ފުޅާ ޖެޓީއަކާއި، 11 މީޓަރު ފުޅާ ރޭމްޕަކާއި، 2,291 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމުގެ އިތުރުން މަގުބައްތި އަދި ނެރުބައްތި ހަރުކުރުން މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ އިތުރުން، ރަށުގެ ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލުކޮށް ބަނދަރު ހިމާޔަތްކުރުމަށްޓަކައި އެމްޓީސީސީއާ ވަނީ މާރަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ވެސް ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން 2.28 ހެކްޓަރުގެ ބިންގަނޑު ހިއްކައި ރިވެޓްމަންޓާއި ބްރޭކްވޯޓާ ޤާއިމުކުރުން ހިމެނެއެވެ. މީގެއިތުރުން މާރަންދޫގައި ފުލުހުންގެ ޕޯސްޓް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ވެސް ސަރުކާރުން މިހާރު ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ.