ޚަބަރު
ގެދޮރު އިމާރާތް ކުރުމަށާއި ގެދޮރު ގަތުމަށް މާލީ އެހީތެރިކަން ދޭން ސަރުކާރުން ނިންމައިފި
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ---
ރައްޔިތުންނަށް އަމިއްލަ ގެދޮރުވެރިކަން ހޯދައިދިނުމަށްޓަކައި ގެދޮރު އިމާރާތް ކުރުމަށާއި ގެދޮރު ގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުދިނުމަށް ސަރުކާރުން ނިންމައި، އެކަމާ ގުޅޭ މުހިންމު އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
ސަރުކާރުން މި ފުރުސަތު ފަހިކޮށްދީފައިވަނީ ވޯލްޑް ބޭންކް ގްރޫޕްގެ ފަންނީ އެހީތެރިކަމާއެކު ދާދި ފަހުން ކުރިއަށްގެންދިޔަ މޯލްޑިވްސް އަރބަން ޑިވެލޮޕްމެންޓް އެންޑް ރީކޮންސްޓްރަކްޝަން ޕްރޮޖެކްޓް (އެމް.ޔޫ.ޑީ.އާރު.ޕީ.)ގެ ދިރާސާއަކަށް ރިއާޔަތްކުރުމަށް ފަހުގައެވެ. އެ ދިރާސާއިން ދައްކާ ގޮތުގައި، ދިވެހި ގިނަ އާއިލާތަކަށް އަމިއްލަ ގެދޮރު އެޅުމަށާއި ގަތުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ގެދޮރުވެރިކަމުގެ ލޯނު ނެގުމަށްޓަކައި ބޭންކްތަކަށް ދައްކަންޖެހޭ ޑައުންޕޭމަންޓް ނުވަތަ އިކުއިޓީ ފައިސާ ދެއްކުމުގައި ދިމާވާ ދަތިތަކެވެ.
މި މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ތައާރަފްކުރި "ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް" ގެ ދަށުން ހިންގާ އިކުއިޓީ އެހީތެރިކަންދޭ "ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި" ސްކީމްތައް ތަންފީޒުކުރުމަށްޓަކައި މިއަދު ވަނީ ރާއްޖޭގެ މުހިންމު ހަތަރު މާލީ އިދާރާއަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ސޮއިކުރި މި އެއްބަސްވުންތަކުގައި ބައިވެރިވެފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އެވެ.
މި ޕްރޮގްރާމް ބަހާލެވިފައިވަނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ:
1. "ހެލްޕް ޓު ބިލްޑް": މި ބައި ޚާއްޞަކޮށްފައިވަނީ އަމިއްލަ ބިމުގައި ގެދޮރު އިމާރާތް ކުރުމަށެވެ. އެގޮތުން އެއް މިލިއަން ރުފިޔާގެ ލޯނަކަށް ބޭނުންވާ ދެ ލައްކަ ރުފިޔާގެ އިކުއިޓީ، ސަރުކާރުގެ ފަރާތުން ހިލޭ އެހީގެ ގޮތުގައި ހަމަޖައްސައިދޭނެއެވެ. އަދި އެއް ފަރާތަށް ވުރެ ގިނަ ފަރާތްތައް ގުޅިގެން މާލޭގައި އޮތް ބިމެއްގައި ގެދޮރު ހަދަން ބޭނުންވާ ހާލަތްތަކުގައި އެ ފުރުސަތު ވެސް އޮންނާނެ ކަމަށާއި، އެފަދަ ހާލަތްތަކުގައި ކޮންމެ ބޮލަކަށް ދެ ލައްކަ ރުފިޔާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ސަރުކާރުން އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ދޭ އެހީއެއް ނަމަވެސް، އެ އިމާރާތް ކުރާތާ 20 އަހަރު ވުމުގެ ކުރިން ވިއްކާލައިފިނަމަ، އެ ފައިސާ އަނބުރާ ދައްކަން ޖެހޭނެ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.
2. "ހެލްޕް ޓު ބައި": މި ބައިގެ ދަށުން ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް (ޕީ.ޕީ.ޕީ.) އުސޫލުން ޑިވެލޮޕަރުން އަޅާފައިވާ 1.5 މިލިއަން ރުފިޔާގެ އަގުހުރި އެފޯޑަބަލް ހައުސިންގ ޔުނިޓެއް ގަތުމަށްޓަކައި، އިކުއިޓީގެ ގޮތުގައި ދެ ލައްކަ ފަންސާސް ހާސް (250،000) ރުފިޔާއާ ހަމައަށް ސަރުކާރުން އެހީތެރިވެދޭނެއެވެ.
މި ޕްރޮގްރާމްގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްކަންދޭނީ އަދި ޝަރުތު ހަމަވާނީ، އެ ފަރާތެއްގެ ނަންމަތީގައި ރާއްޖޭގެ އެއްވެސް ތަނަކުން އިތުރު ބިމެއް ނުވަތަ ގޯއްޗެއް ނެތް އާއިލާތަކަށް އެކަންޏެވެ. ސަރުކާރުގެ މި އިސްނެގުމުގެ ސަބަބުން، އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމަށް ދަތިވެފައިވާ ގިނަ އަދަދެއްގެ އާއިލާތަކަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.