ޚަބަރު
ތަރައްޤީއަކީ އަމިއްލަވަންތަކަން ވަރުގަދަކޮށް، ތާރީޚީ ތަރިކަ އަންނަން އޮތް ޖީލުތަކާ ގުޅުވައިދިނުން: ވަޒީރު ހީނާ
ވަޒީރު ހީނާ ވަލީދު---
ތަރައްޤީއަކީ ހަމައެކަނި އިޤްތިޞާދީ ކުރިއެރުމާއި ޢުމްރާނީ ވަޞީލަތްތަކެއް ނޫން ކަމަށާއި، ހަޤީޤީ ތަރައްޤީއަކީ ޤައުމުގެ ސަގާފީ އަމިއްލަވަންތަކަން ވަރުގަދަކޮށް، ތާރީޚީ ތަރިކަ ދަމަހައްޓައި، އަންނަން އޮތް ޖީލުތަކަކީ އެބައިމީހުންގެ ތަރިކައާ ގުޅިފައިވާ ބަޔަކަށް ހެދުން ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އޭޝިއާގެ ސަގާފީ ތަރިކަތަކާ ބެހޭ އިއްތިހާދުގެ ކައުންސިލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ދިވެހި ސަރުކާރުން މިހާރު ދަނީ ތަރިކަ ދަރަޖަކޮށް ލިޔެކިޔުމުން ބެލެހެއްޓުން ހަރުދަނާކޮށް، ތާރީޚީ ބިނާތަކާއި އާސާރީ ތަކެތި ރައްކާތެރިކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ފުޅާކުރަމުން ކަމަށެވެ. އަދި އާދަކާދައިގެ ތެރެއިން އައިސްފައިވާ ޢިލްމާއި އަތްތެރި މަސައްކަތްތައް ހިމާޔަތްކޮށް، ރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނޭހެން، ރާއްޖޭގެ ތަފާތު ސަގާފީ ތަރިކަތަކަށް ބައިނަލްއަޤްވާމީ އިޢުތިރާފު ހޯދުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ ތަރައްޤީވަމުން އަންނަ ކުޑަ ޖަޒީރާ ޤައުމަކަށް ވުމުން ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ތިމާވެށީގެ ނުރައްކާތަކާއި މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު ރާއްޖެއަށް އިންތިހާއަށް ބޮޑު ކަމަށެވެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ރަށް ގިރުމާއި، ފެންބޮޑުވުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ އިތުރުން، ޒަމާންވީ ތާރީޚީ ބިނާތަކާއި އާސާރީ ތަންތަނަށް ވެސް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި އަހަރުގެ ފޯރަމްގެ ޝިއާރު ކަމަށްވާ "މާޒީއާއި މުސްތަޤްބަލް ގުޅުވައިދިނުން: މިޒަމާނަށް ފެތޭގޮތަށް ސަގާފީ ތަރިކަ ރައްކާތެރިކުރުން" މި ޝިއާރަކީ ތިމާވެއްޓާއި، ޓެކްނޮލޮޖީއާއި، ތަރައްޤީއަށް އަންނަމުންދާ ހަލުވި ބަދަލުތަކުގެ ތެރޭގައި ސަގާފީ ތަރިކަ ރައްކާތެރިކުރާނެ ގޮތަކާ މެދު ވިސްނާއިރު، ވަރަށް މުނާސަބު ޝިއާރެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ، ސަގާފީ ތަރިކައަކީ ދިވެހިންގެ ޤައުމީ އަމިއްލަވަންތަކަމުގެ މައިބަދަ ކަމަށާއި، އިންޑިއާ ކަނޑުގެ ހުރަސްމަގުގައި އޮތް ރާއްޖޭގެ ބަހާއި، އާދަކާދަތަކާއި، އަތްތެރި މަސައްކަތްތަކާއި، އަދި ހިރިގަލު މިސްކިތްތަކުން މި މުއްސަނދި ތާރީޚު ފެންނަން އެބައޮތް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ރާއްޖެއިން 2040 ވަނަ އަހަރާ ހަމައަށް، ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް އުންމީދީ ޤައުމީ ތަޞައްވުރެއް އެކަށައަޅާފައިވާކަން ބަޔާންކުރައްވަމުން ވަޒީރު ވިދާޅުވީ، ރައީސްގެ "މޯލްޑިވްސް 2.0" ތަޞައްވުރުގެ ދަށުން، ޑިޖިޓަލް ބަދަލުތަކަކީ ޤައުމީ ތަރައްޤީގެ މުހިންމު ބައެއް ކަމަށެވެ. އެގޮތުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތްރީ-ޑީ ޑޮކިއުމެންޓޭޝަން ހެދުމާއި، އަރުޝީފުތައް ރައްކާތެރިކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ތަރިކަ ދެމެހެއްޓުމަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ޑިޖިޓަލް މާޙައުލުގައި ސަގާފީ ޙައްޤުތައް ހިމާޔަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، ސަގާފީ ކަންކަން ޑިޖިޓަލްވަމުންދާއިރު އެ ތަރިކައެއް ނިސްބަތްވާ މުޖުތަމަޢުތަކަށް އެތަކެތި ބޭނުންކުރުމާއި އޭގައި ބައިވެރިވުމުގެ ޙައްޤު އޮންނަންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދިވެހިބަހާއި، އާދަކާދައިގެ ޢިލްމު ފަދަ ސަގާފީ ސިފަތައް ޑިޖިޓަލް ދުނިޔޭގައި ފުރިހަމައަށް ތަމްސީލުވާންޖެހޭ ކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.