ޚަބަރު
މި އަހަރަށްފަހު ނުއުފުލޭ ވަރުގެ ބުރައެއް ދަރަނި ދެއްކުމުގައި އުފުލާކަށް ނުޖެހޭނެ: މާލީ ވަޒީރު
އަހާ ފޯރަމްގެ 10 ވަނަ އެޕިސޯޑު / ފޮޓޯ: ރައީސް އޮފީސް
މި އަހަރަށްފަހު ދައުލަތުގެ ދަރަނި ދެއްކުމުގައި ނުއުފުލޭ ވަރުގެ ބޮޑު ބުރައެއް އުފުލަން ނުޖެހޭނެ ކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިޔަށްގެންދާ "އަހާ" ފޯރަމްގެ 10 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާލީ ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުތަކާ އެއްގޮތަށް ސަރުކާރުން ދިޔައީ ދައުލަތުގެ މާލީ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ދުރާލާ ތައްޔާރުވަމުން ކަމަށެވެ. އެގޮތުން، ދުނިޔޭގެ މާލީ ބާޒާރުގެ ހާލަތާއި ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްވުމާ ގުޅިގެން، ރާއްޖޭގެ ދަރަނި އަދާކުރުމުގެ ބޭނުމުގައި މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އާއި ބޭރު ފައިސާ ލިބުން އިތުރުކުރުމަށް ކުރެވުނު މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން، ދަރަނި ދެއްކުމުގެ ބޭނުމުގައި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް) މި އަހަރުގެ އެޕްރީލް މަހާ ހަމައަށް އައިއިރު ރެކޯޑު މިންވަރަކަށް ފައިސާ ޖަމާކުރެވިފައިވާ ކަމަށާއި، އަދި ދައުލަތުގެ ރިޒާވް އިތުރުކުރުމަށް ކުރެވުނު މަސައްކަތުން ރެކޯޑު މިންވަރަކަށް ރިޒާވް ވެސް އިތުރުކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޙަސަން ޒަރީރު ހާމަކުރެއްވި ގޮތުގައި، ދައުލަތުން ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށް ތައްޔާރުވުމުގެ ގޮތުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ތެރެއިން 300 މިލިއަން ޑޮލަރު އަދި ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު ވަނީ ބޭނުންކޮށްފައެވެ. އަދި މިއަދާ ހަމައަށް އައިއިރު، މި ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި ދަރަނީގެ ގޮތުގައި 1.412 ބިލިއަން ޑޮލަރު ވަނީ ދައްކާ ޚަލާޞްކޮށްފައެވެ.
މާލީ ހާލަތު ރަނގަޅުވަމުން އަންނަކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާގައި ދައުލަތަށް ލިބުނު އާމްދަނީ 10 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.
ނަމަވެސް، ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ތަކެތީގެ އަގު އުފުލި، ސަބްސިޑީއަށް ކުރަންޖެހޭ ހޭދަ ވަރަށް ބޮޑަށް އިތުރުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، މި އަހަރަށް ސަބްސިޑީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާ ކުރިނަމަވެސް، ހަނގުރާމައިގެ ނޭދެވޭ އަސަރުތަކާ ހުރެ މިހާތަނަށް 4.3 ބިލިއަން ރުފިޔާ ސަބްސިޑީޒްގެ ގޮތުގައި ޚަރަދުކުރަން ޖެހިފައިވާ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.
މި ހުރިހާ ގޮންޖެހުންތަކާ އެކުވެސް، ސަރުކާރުން އެޅި ހަރުދަނާ މާލީ ފިޔަވަޅުތަކުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި ދަރަނި އަދާކުރުމަށް ސަރުކާރަށާއި ރައްޔިތުންނަށް ނުއުފުލޭ ވަރުގެ ބުރައެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން މާލީ ވަޒީރު ވަނީ ދެއްވާފައެވެ.