ރިޕޯޓް
ރަސްމާލެ: ރާއްޖެ ތަރައްޤީގެ އާއައްސޭރިއަކަށް
ރަސްމާލެ. ފޮޓޯ: އެމްއެމްޓީވީ
ފަނަރަހާސް ވަޒީފާ އާއި ދިވެހިންނަށް ކަށަވަރުވެފައިވާ ބޯހިޔާވަހިކަމުގެ ފަސްހާސް ހައުސިންގ ޔުނިޓް، އަދި އަހަރަކު 2 ބިލިއަން ޑޮލަރުގެ އާމްދަނީލިބޭގޮތަށް ތަރައްޤީކުރާ ރަސްމާލެއަކީ ހަމައެކަނި ބިޔަ މަޝްރޫޢެއް ނޫނެވެ. މިއީ އިދިކޮޅުގެ ފާޑުކިޔުންތަކަށް ނުހުއްޓުވޭނެ، ތަރައްޤީވެފައިވާ ދިވެހިރާއްޖެއެއްގެ ފެށުމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅާއި ހަރުދަނާ ސިޔާސަތުގެ ދަށުން، އަބޫދާބީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލްހިލްސްއާ ގުޅިގެން ކުރިއަށްގެންދާ 20 ބިލިއަން ޑޮލަރުގެ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ އެޓް ރަސްމާލެ” މަޝްރޫޢަކީ ރާއްޖެއަށް މިހާތަނަށް އައި އެންމެ ބޮޑު ބޭރުގެ އިންވެސްޓްމަންޓެވެ.
މިއީ ދިވެހިރާއްޖެ "ތަރައްޤީވަމުންދާ" ޤައުމެއްގެ ދަރަޖައިން، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ "ތަރައްޤީވެފައިވާ" ޤައުމުތަކުގެ ސަފަށް ގެންގޮސްދޭނެ އެންމެ ބޮޑު އިޤްތިޞާދީ މަޝްރޫއެވެ.
ޤައުމެއް ތަރައްޤީވުމުގެ ހަޤީޤީ މާނައަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ދުނިޔޭގެ މަތީ ފަންތިއަށް އުފުލިގެންދިއުމެވެ. ރަސްމާލެ މަޝްރޫޢުގައި ހިމެނޭ ކަންކަމަކީ ރައްޔިތުންގެ ޖީބަށާއި ދިރިއުޅުމަށް ކުރިއެރުންތަކެއް ގެނުވާނެ ފުރުސަތުތަކެކެވެ. މިގޮތުން ޒަމާނީ ވަޒީފާގެ ފުރުސަތުތައް އުފެދި ބޯހިޔާވަހިކަމަށް ހައްލު ލިބި އިޤްތިޞާދީ މިނިވަންކަން ދިވެހިންނަށް ލިބިގެންދާނެއެވެ. އަދި މިއީ ދުނިޔޭގެ ފެންވަރުގެ އެކި ޚިދުމަތްތައް ލިބިގެންދާނެ ތަރައްޤީގެ ކުަލަ ފުރިހަމައަށް ގެނެސްދޭނެ މަޝްރޫއެކެވެ.
ކޮންމެ ޤައުމެއްގައިވެސް ބޮޑު ބަދަލެއް ނުވަތަ އިންގިލާބީ ތަރައްޤީއެއް ގެންނަން އުޅުމުން އެކަމަށް ހުރަސްއަޅާ ފަރާތްތަކެއް އުޅޭނެއެވެ. އަމިއްލަ ސިޔާސީ މަންފާއަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ އެއްވެސް ބުރަދަނެއް ނެތް ވާހަކަތަކެކެވެ. މިގޮތުން ޤައުމީ ސަލާމަތާއި ބިމުގެ މިލްކުވެރިކަމާ ބެހޭގޮތުން ދައްކަމުންދާ ވާހަކަތަކަކީވެސް ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފައްދައި، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ނަގާލަން ދައްކާ ހަޤީޤަތެއް ނެތް ވާހަކަތަކެކެވެ.
މިކަން ކަށަވަރުކޮށްދެއްވާ މިނިސްޓަރ އޮފް ހޯމް ލޭންޑް އެންޠް ސެކިއުރިޓީ ޢަލީ އިޙްސާން ވަނީ، ރަސްމާލޭގެ ކޮންމެ އިންޗިއެއްގައިވެސް ހިނގާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގަކަމަށް ވިދާޅުވެފައެވެ. އަދި ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދެވޭނެކަމަށް ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން އަންނަނީ ފާޑުކިޔުންތަކަށް ބެލުމެއްނެތި، ދިވެހި ރައްޔިތުންގެ ޙައްޤުގައި ހަރުދަނާ މިސްރާބުގައި ކުރިއަށެވެ. 1100 ހެކްޓަރުގެ ބިމުގެ 70 އިންސައްތަ މިހާރުވަނީ ހިއްކާ ނިމިފައެވެ. މިމަސައްކަތް ކުރިއަށްއޮތް. 2-3 މަސްތެރޭގައި ނިންމާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މިމަޝްރޫޢަށް އާންމު ރައްޔިތުންނާއި ޒުވާނުންގެ މެދުގައި އޮތީ ބޮޑު ތަރުޙީބަކާއި އުންމީދެކެވެ. މިކަމާ ގުޅޭގޮތުން ހިޔާލު ފާޅުކުރި އާންމު ރައްޔިތަކު ބުނީ، "އަޅުގަނޑު ފުރިހަމައަށް ސަރުކާރަށް ތާއީދުކުރަން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް. މިއީ އަޅުގަނޑުމެން މިހާރު މި ދަންނަ ރާއްޖެ މުޅިން ބަދަލުކޮށްލާނެކަމެއް. ތަރައްޤީވެފައިވާ، ޒަމާނީ ރާއްޖެއެއް ފެނިގެންދާނެ މަޝްރޫޢެއް. ހަޤީޤީ ތަރައްޤީގެ މުޅިން ތަފާތު ސިފައެއް ފެންނާނެ ކަހަލަ މަޝްރޫޢެއް މިއީ. ވަރަށް ލުކް ފޯވާޑްކުރެވޭ ޕްރޮޖެކްޓެއް."
ތަރައްޤީއަކީ ހަމައެކަނި ދައްކާ ސިޔާސީ ވާހަކައެއް ނޫނެވެ. އެއީ އަމަލުން ދައްކަންޖެހޭ ހަޤީޤަތެކެވެ."ތަރައްޤީވަމުންދާ" ޤައުމެއްގެ ލޭބަލް ޖަހައިގެން، އެހެން ޤައުމުތަކުގެ އެހީއަށް ބަރޯސާވުމުގެ ބަދަލުގައި، ޖެހިލުންވުމެއްނެތި މިފަދަ ބޮޑެތި އިންވެސްޓްމަންޓްތަކަށް މަރުޙަބާ ކިޔަންޖެހެއެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ، މުއްސަނދި ޤައުމުތަކުގެ ސަފަށް ރާއްޖެ ގެންދާނެ މިސްރާބަށް ވާސިލްވުމަށް މަސައްކަތްކުރަންޖެހެއެވެ. އިދިކޮޅުން ފަތުރާ ހަޤީޤަތެއް ނެތް ވާހަކަތަކުގައި ބަނދެވި، ޤައުމުގެ ކުރިއެރުން ހުއްޓުވުމުގެ ފުރުޞަތު ދީގެން ނުވާނެއެވެ. ރަސްމާލެއަކީ އަޅުގަނޑުމެންގެ ދަރިންނަށާއި އަންނާން އޮތް ޖީލުތަކަށް ލިބޭނެ އެންމެ ބޮޑު ފާގަތިކަމެވެ. މިއަދު އަޅުގަނޑުމެން އެންމެން އެއް އަޑަކުން، އެއް ރޫޙެއްގައި ތަރައްޤީއަށް ނޫނެކޭ ބުނާ ފަރާތްތަކަށް ފުރަގަސްދީ، ޤައުމީ މި ބޮޑު އިންގިލާބާއެކު ސާބިތުކަމާއެކު ކުރިއަށްދާންޖެހެއެވެ! ރަސްމާލެއަކީ ދިވެހިންގެ އާރޯ މުސްތަޤްބަލެވެ!
ލިޔުން ޝާއީ ކުރިތާ 48 ގަޑިއިރުވެފައިވާތީ ހިޔާލު ހުށައެޅުމުގެ ފުރުސަތު ބަންދުކުރެވިފައި