ޚަބަރު
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1200 އަށްވުރެ ގިނަ މަޝްރޫޢު ހިނގަމުންދޭ: މާލީ ވަޒީރު
މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު. ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ވަގުތު 1200 އަށްވުރެ ގިނަ މަޝްރޫޢު އެކި މަރުޙަލާތަކުގައި ކުރިއަށްދާ ކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދިޔަ "އަހާ" ފޯރަމްގެ 10 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަޝްރޫޢުތަކުގެ ދުވެއްޔަށް މަޑުޖެހުމެއް އައިސްފައިވާ ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން މަސައްކަތްތަކަށް ބޭނުންވާ ސާމާނު ހޯދުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. ނަމަވެސް، މަޝްރޫޢުތަކަށް ބޭނުންވާ ތަކެތި ވީހާވެސް އަވަހަށް ރާއްޖެއަށް ގެނެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
މީގެ އިތުރުން، އެއްވެސް މަޝްރޫޢެއް ހުއްޓާނުލައްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން، ސަރުކާރުގެ އަމާޒަކީ އެ ހުރިހާ މަޝްރޫޢުތަކަށް ބޭނުންވާ ތަކެތި ހޯދައި، ވީހާވެސް ހަލުވި ދުވެއްޔެއްގައި މަސައްކަތްތައް ނިންމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ގާތްގަނޑަކަށް 1273 ޕްރޮޖެކްޓެއް މި ވަގުތު ސޮއިކުރެވި ހިނގަމުން އެބަދޭ ރާއްޖޭގެ ހުރިހާ ހިސާބެއްގަ. އެ ހުރިހާ ޕްރޮޖެކްޓްތަކެއް ވެސް ޕްރައޮރަޓައިޒް ކުރެވިފައިވާ ގޮތަށް ނިންމުމުގެ މަސައްކަތްތައް އަޅުގަނޑުމެން މި ދަނީ ފައިސާ އެލޮކޭޓްކޮށްގެން ކުރަމުން."
ވަޒީރު ވިދާޅުވިއެވެ.
"އަހާ" ފޯރަމަކީ ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް ވީހާވެސް ތަފްޞީލުކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދީ، ދާއިރާތަކުގެ މަސްޢޫލުވެރި އެންމެ އިސް ފަރާތްތަކާ ސުވާލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ޖަވާބު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤުޞަދުގައި ބާއްވާ ފޯރަމެކެވެ.
ރޭގެ ފޯރަމުގައި މާލީ ވަޒީރުގެ އިތުރުން، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.